ގދ. ގައްދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ ގޮތުގައި ހުރި، އެސިސްޓަންޓް ޑިރެކްޓަރު އިސްމާއިލް ޝަމީމް، ގޭގައި މަޑުކުރަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ގައްދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސުޖާއު "ސަން" އަށް ވިދާޅުވީ، ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ގޭގައި މަޑުކުރަން އެންގީ، އެ ކައުންސިލުގެ މަސައްކަތްތަކަށް ކައުންސިލް އިދާރާގައި މަސައްކަތްކުރާ ބައެއް ސިވިލް ސާވިސް މުވައްޒަފުން ހުރަސް އަޅަމުންދާތީ، އެ މުވައްޒަފުންނާއި ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެއްބާރުލުން ނުދެއްވުމުން ކަމަށެވެ.

"ކައުންސިލުން ރަށުގައި ކުރާ މަސައްކަތްތަކަށް އިދާރާގެ އެއްބާރުލުން ނުދޭން ނިންމީ، ގަސްތުގައި މަސައްކަތް ނުކޮށް، އިހުތިޖާޖު ކުރާ އުސޫލުން ކަންްތައް ކުރަނީ. އެކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް އެދުމުން ވެސް ޒިންމާދާރުވެރިޔާ ވަނީ އެއްބާރުލުން ނުދީފަ،" ގައްދޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒިންމާދާރު ވެރިޔާގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައި ވާ ކަމަށާއި އެ ކޮމިޝަނުން ޖަވާބެއް ލިބެންދެން ޒިންމާދާރު ވެރިޔާ ގޭގައި މަޑުކުރަން އަންގާފައި ވާ ކަމަށެވެ. ޒިންމާދާރުވެރިޔާ އާއި މެދު ކައުންސިލުން މިފަހަރު ފިޔަވަޅު އަޅަން ނިންމީ، "ކެތް ނުވެގެން ކުރާނެ އެއްވެސް ކަމެއް ނެތިގެން" ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.

މިވަގުތު ގޭގައި ހުރި ގައްދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ ޝަމީމު ވިދާޅުވީ، ގޭގައި މަޑުކުރުމަށް އަމުރެއް ނެރެ، އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކައުންސިލުގެ ފަރާތުން ގަރާރަކާއި ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ކައުންސިލް އިދާރާގެ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނާޅާތީ އާއި ކައުންސިލުން ކުރަމުންދާ ކަންކަމަށް ދަތިވާތީ ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސިޓީ ލިބުމާ އެކު އަޅުގަނޑު ކައުންސިލަށް ސިޓީއެއް ލިޔުނިން ސިވިލް ސާވިސް މުވައްޒަފުން ގޭގައި ބޭއްތިއްބުމަށް ކައުންސިލްތަކަށް ގާނޫނީ ގޮތުން ބާރެއް ނެތް ކަމަށް،" ޝަމީމު ވިދާޅުވި އެވެ.

އެގޮތަށް ކައުންސިލަށް އެންގުމަށްފަހު، މިއަދުވެސް އާދައިގެ މަތިން އޮފީހަށް ދިޔަ ކަމަށާއި ނަމަވެސް ކައުންސިލަރުން ކައުންސިލް ދޮރުމަތީގައި އެތުރިގެން ތިބެ، އޮފީހަށް ނުވަދެވޭނެ ކަމަށް ބުނެ ހުރަސް އެޅިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، އެ ފަދަ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، ގާނޫނީ ގޮތުން ބަލާއިރު، ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅެއް އޭޅޭނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށާއި ގާނޫނީގޮތުން އެފަަދަ ބާރެއް ކައުންސިލަށް ލިބިފައި ނޯންނާނެ ކަމަށެވެ.