23 Jul 2014, 13:35
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށފި އެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ރިޒާ ހަމަޖެއްސެވުމަށް ފެންނަ ކަމަށް 46 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 29 މެމްބަރުންނެވެ.
ރިޒާގެ ނަންފުޅު ފާސްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން ޖޭއެސްސީގެ މެމްބަރު ކަމަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ނަންފުޅަށް ވޯޓަށް އައްސަވާފައެއް ނުވެއެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އެބައި މީހުން ކަނޑައަޅާ ވަކީލަކާއި އާމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް މަޖިލީހުން އިއުލާން ކުރުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.