އައްޑޫ ސިޓީގެ ސްކޫލްތައް މަރާމާތު ކުރުމަށް މި އަހަރު ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައި ވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި 173.56 މިލިޔަން ރުފިޔާ، އައްޑޫ ސިޓީގެ ތަޢުލީމީ ދާއިރާ ތައްގީ ކުރުމަށް ކަނޑައެޅިފައި ވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ތަޢުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި ވާ މިންވަރުގެ ތެރެއިންނާއި އަދި ވޯލްޑްބޭންކުގެ އެހީގައި އައްޑޫ ސިޓީގެ ސްކޫލްތައް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ ސްކޫލްގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރެވެމުންދާ ހަތް ކްލާސްރޫމްގެ ސިމެންތީގެ މަސައްކަތް ނިމި ފުރާޅު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގައި ހަ ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް އޯޕީޕީއަށް ފޮނުވައި، ކޮންސެލްޓެންސީ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރެވެމުންދާ ހަ ކްލާސްރޫމްގެ ސިމެންތީގެ މަސައްކަތް ނިމި ފުރާޅު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްއެބަދޭ. މީ 2.54 މިލިޔަން ރުފިޔާގެ މަޝްރޫއެއް. މީގެ އިތުރުން އެ ސްކޫލުގައި ވޯލްޑް ބޭންކުގެ ހަރަދުގައި ހަ ކްލާސްރޫމް އެޅުމުގެ މަސައްކަތް އޯޕީޕީއަށް ފޮނުވައި ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސެލްޓެންސީ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިއީ ވެސް ގާތްގަޑަކަށް 2.54 މިލިޔަން ރުފިޔާގެ މަޝްރޫއެއް" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ހިތަދޫ ނޫރާނީ ސްކޫލުގައި އަށް ކްލާސްރޫމް އެޅުމަށްޓަކައި ޓެންޑާ ކުރެވި، ޕްރީބިޑް މީޓިން ބޭއްވި ކަމަށައި އެއީ 5.9 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި 12 ކްލާސްރޫމް އަދި ހޯލް ހިމެނޭ ގޮތަށް ހަތަރު ބުރީގެ އިމާރާތެއް މިއަހަރުތެރޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތް މިހާރު ޓެންޑާ ކުރެވިފައި ވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ މަޝްރޫއަށް 12.9 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސްމިނިށްޓަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ތަޢުލީ ދާއިރާގެ ތަރައްގީއަށް އެޑިޔުކޭޝާން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޖިލީހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް 5.7 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ މީދޫ ޝަމްސުއްދީން ސްކޫލުގައި ނަމާދު ކުރާނެ ތަނެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތަށް 4000،000ރ ހަރަދުވާނެ ކަމަށެއެވެ. މީގެއިތުރުން އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލު ކުރުމަށްޓަކައި އިމަރާތް ކުރަން ޖެހޭ ތިން ކްލާސްރޫމް އިމަރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަޝްރޫއަށް އެއް މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.