އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އެ ޕާޓީގެ 32 މެންބަރެއްގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް އެމްޑީޕީގެ ކެމްޕޭން އެގްޒިކިއުޓިވް ކޮމެޓީގެ ޗެއާމަން އަދި ހެންވޭރު ދެނުކު ދާއިރާގެ މެންބަރު ހާމިދް އަބްދުލް ގަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ހާމިދު މިއަދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކުރައްވާ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރައްވާ އެ ޕާޓީގެ މެންބަރުން ޕާޓީން ވަކިކުރުމުގެ އިހުތިޔާރު ޕާޓީގެ އަސާސީ ގަވައިދުން ލިބިދޭ ކަމަށާއި ނަމަވެސް އެފަދަ މެންބަރުން ޕާޓީން ވަކިކުރާނީ އެ ދާއިރާއެއްގެ ރައްޔިތުންނާ އަދި އެ މެންބަރަކާ ވެސް ވާހަކަދެއްކުމަށް ފަހު ކަމަށެވެ.
"އަސްލުމިއީ އަސާސީ މައްސަލައެއް. އަސާސީ ގަވާއިދުގައި ބުނަނީ މެންބަރެއްގެ އަމަލެއްގެ ސަބަބުން ޕާޓީއަށް ގެއްލުމެއް ވާނަމަ ޕާޓީން ވަކި ކުރެވިދާނެއޭ. އެފަދަ 32 ކޭސްއެއް މިހާރު ބަލަމުން މިދަނީ. އެގޮތަށް އެކަން އޮތިއްޔާ މައްސަލަ ބަލާފައި އެ ބޭފުޅަކު ޕާޓީން ވަކި ކުރާނީ،" ހާމިދު ވިދާޅުވި އެވެ.
ހާމިދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަނުކުރާ ދާއިރާތަކަށް އެމްޑީޕީގެ މެންބަރަކު އަމިއްލަ ގޮތުން ކުރިމަތިލިޔަސް އެ މެންބަރަކު ޕާޓީން ވަކިނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްސަލަ ބަލަން ނިންމާފައި ވަނީ ކޮންކޮން ދާއިރާތަކަކަށް ކުރިމަތި ލެއްވި އަދި ކޮން ބޭފުޅުންނެއް ކަމެއް އެމްޑީޕީއަކުން ނުބުންޏެވެ.
އެމްޑީޕީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރުގައި ބުނަނީ ޕާޓީގެ ޓިކެޓް ނެތި، ޕާޓީގެ މެންބަރުން ވާދަކުރައްވާ ދާއިރާތަކަށް ކުރިމަތިލައްވާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކެމްޕެއިން އެކްޒިކިއުޓިވް ކޮމެޓީއަށް ލިބިގެންވާ ކަމަށެވެ.
"ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެ ޕާޓީގެ ޓިކެޓްނެތި، ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތްތަކާއި އިންތިޚާބުތަކުގައި ވާދަކުރާ މީހުން، ކެމްޕެއިން ކޮމިޓީގެ ރިކޮމެންޑޭޝަންގެ ދަށުން ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަށް އެކަން އެގޮތަށް ކުރަން ފެނިއްޖެ ނަމަ އެފަދަ މެންބަރުން ޕާޓީ އިން ވަކިކުރެވިދާނެ،" އެމްޑީޕީން ފާސްކުރި ގަރާރުގައިވެ އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދި އެ ޕާޓީ އަށް ހުށަހެޅި ފޯމުގައިވާ އިގްރާރުގައި ބުނަނީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުހޮވުނު ނަމަވެސް ޕާޓީގެ ނިންމުމަށް އިޙްތިރާމްކޮށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވޭ ކެންޑިޑޭޓަކަށް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްކޮށްދިނުމަށް އިގްރާރުވުމުގެ އިތުރުން އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަން ޖެހޭނެ ކަމަށެވެ.