މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ، ކްލެމެންސީ ބޯޑުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ދެ ބޭފުޅެއްގެ ނަންފުޅު ހުށަހަޅައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން އެ ބޯޑުގެ މެމްބަރު ކަމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ގެ ނަންފުޅެވެ. އޭނާގެ ނަންފުޅު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބޯޑުގެ މެމްބަރު ކަމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ނަންފުޅެވެ. އޭނާގެ ނަންފުޅު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދެވެ.

ކްލެމެންސީ ބޯޑަކީ މައާފްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާ ބޯޑެކެވެ.

ކްލެމެންސީ ބޯޑަށް ވެސް އެމްޑީޕީގެ ފަރާތުން ނަންފުޅެއް ހުށަހަޅާފައެއް ނުވެއެވެ.

މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ބޯޑުގައި ތިއްވަނީ ގާނޫނީ ދާއިރާގެ ބޭފުޅަކާއި ތައުލިމީ ދާއިރާގެ ބޭފުޅަކާއި އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ ބޭފުޅަކާއި ދީނީ އިލްމުވެރިޔަކާއި މަދަނީ ޖަމްއިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅެއްގެ އިތުރުން ފުލުހަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށް މިއަދު 1:30ގައި ވޯޓަށް އެހުން އޮންނާނެ އެވެ.