23 Jul 2014, 12:11
"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ޏ. ފުވައްމުލަކުގައި ސިފައިން ތައްޔާރުކުރި ފުޓްސަލް ދަނޑު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ހުޅުއްވައިދެއްވައިފި އެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތައްފަހު އެކުވެރި ކަމުގެ ދެ މެޗެއް ރޭ ވަނީ ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އެމްއެންޑީއެފްގެ ޓީމަކާއި ފުވައްމުލަކު ރަށު ކައުންސިލު މުވައްޒަފުންގެ ޓީމަކާ ދެމެދު މެޗެއް ކުޅެފައި ވާއިރު، ދެވަނަ މެޗް ކުޅެފައި ވަނީ އެސްޓީއޯގެ ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ޓީމެކެވެ.
"އެސްޓީއޯ ނޫފަހި ފުޓްސަލް އެރީނާ" ނަމުގައި ފުވައްމުލަކުގައި ސިފައިން ތައްޔާރުކުރި އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެދަނޑު ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ފަރާތަކީ، ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ކުރި ހިތްވަރުގަދަ ސިފައިން ކަމަށެވެ. އަދި ސިފައިން އެމަސައްކަތް ކުރައްވާފައި ވަނީ ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެން ވަރަށް ޖޯޝާއި ފޯރިއާއެކު ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިއީ ''ޔުނިޓީ ތުރޫ ފުޓްސަލް'' ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހެދި ފަސް ވަނަ ފުޓްސަލް ދަނޑެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ މިނިސްޓްރީއާ ދަނޑު ރަސްމީކޮށް ހަވާލު ކޮށްދެއްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެ ދަނޑު، އެ މިނިސްޓްރީއާ ހަވާލުކުރިކަމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތު އެވެ.
ޔޫތު މިނިސްޓްރީއާ ރަސްމީކޮށް ދަނޑު ހަވާލު ކުރުމުން އެދަނޑާބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިންނެވެ.