23 Jul 2014, 11:08
ޕެރިސް (ޖުލައި 23): ޣައްޒާ ސަރަހައްދުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަންނަ ކަމަށްބުނެ އެއާ ނުބައްދަލު ގަދަފަދަ ހަމަލާތައް އިސްރާއީލުން ޣައްޒާގެ މަދަނީންނަށް އަމާޒުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އިސްރާއީލުން ހަމަލާތަކާއި ގަތުލުއާންމުތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ފަރަންސޭސި ހާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވިދާޅުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގެ ޓީއެފް ވަން ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ފަރަންސޭސި ހާރިޖީ ވަޒީރު ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގައި ދެ ހަފްތާތެރޭގައި ޣައްޒާއިން 600 އަށްވުރެ ގިނަމީހުން މަރުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާ އެހެންކަމުން ހަމަލާތަކާއި ގަތުލުއާންމުތައް އިސްރާއީލުން ވަގުތުން ހުއްޓާލަންޖެހޭ ކަމުގައެވެ.
މިއީ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ މީހުން މެރުމާއި ގަތްލުއާންމުތަކާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުގެ ބޮޑު ގައުމެއްގެ އިސް މަސްއޫލުވެރިއަކު އިސްރާއީލު ކުށްވެރި ކުރައްވައި މިހާތަނަށް ދެއްވި އެންމެ ވަރުގަދަ ބަޔާން ކަމަށް މުރާސިލުން ސިފަކުރެއެވެ.
ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އޮވެ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ މީހުން މެރުމާއި ގަތުލުއާންމުގެ ޖަރީމާތައް، އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ ލީޑަރުން ސިފަކުރައްވަމުން ގެންދަވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލުން ހިންގަމުން ގެންދާ އަމަލުތަކެއްގެ ގޮތުގައެވެ.
ޣައްޒާގެ މަދަނީ ތަންތަނަށް ގަސްދުގައި ހަމަލާދީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމަށް އިސްރާއީލުގެ ހަރުކަށި ވެރިން ދައްކާ ބަހަނާއަކީ އިސްރާއީލުގެ އަނިވާވެރިކަމާއި އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ތެދުވާ ތެދުވުމެވެ. ނަމަވެސް އަޅުވެތިކުރާ އިސްތިއްމާރީ ބާރާ ދެކޮޅަށް އަޅުވެތިވެފައިވާ ރައްޔިތުން ތެދުވެ ޖިހާދުކުރުމުގެ ހައްގަކީ ބައިނަލްއަގްވާމީ ގާނޫނުގައި އެހެން ރައްޔިތުންނަށް ލިބިދޭގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށްވެސް ލިބިދީފައިވާ ހައްގެކެވެ. އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ގެންދަނީ ފަލަސްތީނުގެ މިހައްގަށް އިންކާރު ކުރަމުންނެވެ. (ނޫސްއެޖެންސީތައް)