12 Jan 2011, 12:59
"ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭ ފެށޭނެ ކަމަށް މި ބަލަނީ. އަޅުގަނޑުމެން އުއްމީދުކުރަނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް." ޓީޗަރުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިމާރާތްކުރާ 10 ބުރީގެ ޓީޗަރުންގެ ފްލެޓްގެ ބިންގާ އެޅުމަށް އޮކްޓޯބަރު 14، 2010 ގައި ބޭއްވި ރަސްމިއްޔާތުގައި އޭރު އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މުސްތޮފާ ލުތުފީ ވިދާޅުވި އެވެ.
ނަމަވެސް، ބިންގާ އެޅިތާ ތިން މަސް ދުވަސް ވާން ދެ ދުވަހަށްވާ އިރު އަދިވެސް އެ ފްލެޓު އަޅުމަށް ހަމަޖައްސާފައިވާ ކުރީގެ އެމްއީއެސް ކުރިމަތީގައި އޮންނަ 369 ނަމްބަރު ކޮށި އޮތީ ކުނިކަހައި ސާފުކުރި ގޮތަށް ހުހަށެވެ.
ތައުލީމީ ފަންޑުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ފްލެޓްގެ މަސައްކަތް މާލާ ހައިރައިސިން ކޮމްޕެނީއާ ހަވާލުކުރުމަށް ޓެންޑާ ބޯޑުން ވަނީ މިދިޔަ ނޮވެމްބަރު މަހު ނިންމައިފަ އެވެ. ނަމަވެސް، އަދި އެކުންފުންޏާ އެކު އެގްރިމެންޓްގައި ސޮއިކޮށްފައެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ އަލީ މޫސާ މިއަދު ވިދާޅުވީ، މާލާ ހައިރައިސިން ކޮމްޕެނީއަށް އެ ޕްރޮޖެކްޓް އެވޯޑްކުރުމަށް ކަނޑައެޅުމަށް ފަހު ޓެންޑާ ބޯޑުން ނޮވެމްބަރު 21، 2010ގައި މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެގްރިމެންޓް ސޮއިކުރުމުގައި "ކުޑަ ލަސްވުމެއް އައިސްގެން އުޅެނީ" އެޑިއުކޭޝަންގެ ފަރާތުން އެ ޕްރޮޖެކްޓް ސުޕަވައިޒް ކުރާނެ ކޮންސަލްޓަންޓަކު ނުލިބިގެންނެވެ.
"އެގްރިމެންޓްގައި ސޮއިކުރުން އަޅުގަނޑުމެންނަށް ލަސްވެގެން މިއުޅެނީ ކޮންސަލްޓެންޓެއް ހޯދުމަށް އަޅުގަނޑުމެން އިއުލާނުކޮށްގެން މިހާރު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވުމުގެ މަސައްކަތް ކުރެވެމުން މިދަނީ،" އަލީ މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮންސަލްޓަންޓަކު ވަރަށް އަވަހަށް ހަމަޖައްސައި މި މަހުގެ 20 ހިސާބުގައި އެގްރިމެންޓްގައި ސޮއިކުރެވޭ ވަރު ވާނެ އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި 2012 ގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.
އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓާ އެކު ދިހަ ބުރިއަށް އިމާރާތްކުރާ ޓީޗަރުންގެ ފްލެޓް ކުއްޔަށްދިނުމާ ބެހޭ އުސޫލެއް މިނިސްޓްރީން ކަނޑައަޅާނެ ކަމަށާއި އެތަނުން އެޕާޓްމަންޓް ކުއްޔަށްދޭނީ ހެޔޮ އަގުތަކެއްގައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.