23 Jul 2014, 10:22
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ވާހަކަ ބީބީސީގައި ވަގުތުން ކިޔައިދެމުންދިޔަ ނޫސްވެރިޔަކަށް އިސްރާއީލު މީހަކު ހަމަލާދީފި އެވެ.
"ބީބީސީ އަރަބިކް" ޓީވީ އިން ޣާޒާގެ ހާލަތު ކިޔައިދެމުންދިޔަ ނޫސްވެރިޔާއަށް ހަމަލާދީފައި ވަނީ ޣައްޒާ އާއި އިޒުރޭލު ގުޅޭ ބޯޑަރު ކައިރީގަ އެވެ. ޣައްޒާ ބޯޑަރު ކައިރީގައި ހުރެ ވަގުތުން ރިޕޯޓް ކުރަމުންދިޔަ ނޫސްވެރިޔާ ބުނަމުން ދިޔައީ "ޣައްޒާއަށް ބޮން އެޅުން އަދިވެސް ދަނީ ކުރިއަށް" ކަމަށެވެ. ނޫސްވެރިޔާ އެހެން ބުނުމާއެކު އިސްރާއީލްގެ ރައްޔިތަކު އައިސް އޭނާއަށް ހަމަލާދޭތަން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ.
އިސްރާއީލް މީހަކު ނޫސްވެރިޔާއަށް ހަމަލާ ދިނުމުން ވެސް ވާހަކަދެއްކުން ނޫސްވެރިޔާ ހުއްޓައެއް ނުލަ އެވެ. ލައިވްޓީވީގައި އޭނާ ބުނަމުން ދިޔައީ އިސްރާއީލް ބަޔަކު އޭނާއާ ދެކޮޅު ހެދުމަށް އެތަނަށް އައިސްފައިވާ ކަމަށެވެ.
"އަހަރުމެންނާ ދެކޮޅަށް ބަޔަކު އައިސްފި. އެހެންވީމަ މި ހިސާބުން މެދުކަނޑާލާނަން. އަހަރެންނާ ދެކޮޅަށް އައިސްފައި މި ތިބީ އިސްރާއީލު ބަޔަކު،" އިނގިރޭސީ ސަރުކާރުން ޚަރަދުކޮށްގެން މެދުއިރުމަތީގައި ހިންގާ "ބީބީސީ އަރަބިކް" ޓީވީގެ ނޫސްވެރިޔާ ބުންޏެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ދެ ހަފްތާވެފައިވާއިރު، މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 3000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ.