ޒަޔަނިސްޓް އިސްރާއީލުން ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލްއާންމުގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުން ދާތީ، އެކަމުގެ ހިތާމައިގައި ތުރުކީގެ ބޮޑު ދިދަ ބައި ދަނޑިއަށް ތިރިކޮށް، ހިތާމައިގެ ތިން ދުވަސް އެގައުމުގައި ފާހަގަ ކުރަން ފަށައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަކަށްފަހު، އިސްރާއީލާ ދެކޮޅަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި ރައްދުދެމުން އަންނަ ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުލެންޓް އާރިންކް ވިދާޅުވެފައި ވަނީ، ފަލަސްތީނުގައި މިހާރު ހިންގަމުންދާ ގަތުލް އާންމުގައި ޝަހީދުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކަންބޮޑުވާ ކަމަށެވެ.

އެގޮތުން، ފަލަސްތީނުގައި އެތަށް ބަޔަކު ޝަހީދުވަމުން ދާތީ، އެކަމުގެ ހިތާމައިގައި އިއްޔެއިން ފެށިގެން ހިތާމައިގެ ތިން ދުވަސް ތުރުކީގައި ފާހަގަކުރަން ނިންމާފައި ވާ ކަމަށެވެ.

ތުރުކީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި އާރިންކް ވިދާޅުވީ، ޔަހޫދީ އިސްރާއީލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި ތުރުކީން އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކަށް 16 ދުވަސް ވެފައި ވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.