ޣައްޒާގައި އިސްރާއިލުން ހިންގަމުން ގެންދާ ގަތުލުއާންމާ ދެކޮޅަށް ޖިހާދު ކުރަމުންދާ ހަމާސް އިން އިސްރާއީލުގެ މައި އެއާޕޯޓް، ބެން ގުރިއަން އެއާޕޯޓް ކައިރިއަށް ރޮކެޓް ހަމަލާއެއް ދީފި އެވެ.

ހަމާސްއިން ފޮނުވި ރޮކެޓް ހަމަލާ އިސްރާއީލުގެ މައި އެއާޕޯޓް ކައިރި ތަނަކަށް ވެއްޓުމުން ބައިނަލް އަގުވާމީ އެއާލައިންތަކުގެ ދަތުރުތައް ކުރުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލި އެވެ.

ހަމާސް އިން އިސްރާއީލާ ދެކޮޅަށް މިއަދު ގާތްގަނޑަކަށް 2000 މިސައިލް ފޮނުވާލި ކަމަށް އެސޯސިއޭޓެޓް ޕްރެސް (އޭޕީ) އިން ބުންޏެވެ. ނަމަވެސް އިސްރާއީލުގެ ދިފާއީ އައްޑަނަ، އަޔަން ޑޯމް އިން ވަނީ ގިނަ ރޮކްޓް ހަމަލާތައް ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.

ހަމާސްއިން މިއަދު އިސްރާއީލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ޔެހުދްގައި ހުރި ގެއަކަށް ހަމާސްގެ ރޮކެޓެއް އަމާޒުވެ، އެކަކު ވަނީ ޒަހަމްވެފަ އެވެ.

އިސްރާއީލް ފުލުހުން ބުނީ އެއާޕޯޓަށް ދިން އެ ހަމަލާއަކީ މިހާތަނަށް ހަމާސް އިން އެ ގައުމުގެ އެއާޕޯޓަކާ އެންމެ ކައިރިއަށް ދިން ހަމަލާ ކަމަށެވެ.

ހަމާސްގެ ހަމަލާއާ ގުޅިގެން އިސްރާއިލުގެ ޓްރާސްޕޯޓް މިނިސްޓަރު ވަނީ އެ އެއާޕޯޓްގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ކަމަށް ބުނެފަ އެވެ.

ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުންދާ އުދުވާނީ ހަމަލާތައް ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފަ އެވެ.

އިސްރާއީލުގެ އަސްކަރިންޔާ އާއި ދެކޮޅަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި މިހާތަނަށް އިސްރާއީލުގެ 29 ސިފައިން ވަނީ މަރާލާފަ އެވެ.