12 Jan 2011, 12:34
ޗައިނާގެ ރައްޔިތުންގެ މަޖިލީހުން ދިވެހި ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދޭނެކަމަށް ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫ ބަންގުއޯ ވިދާޅުވެއްޖެ އެވެ.
"ސީއާރުއައި އިންގްލިޝް" ކިޔާ ޗައިނާގެ އިނގިރޭސި ނިއުސް ވެބްސައިޓެއްގައި ވޫ ބަންގުއޯ ހަވާލާދީ ބުނެފައި ވަނީ މިދިޔަ ހޯމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބޭޖިންގައި އޭނާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި ވޫ ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އަހަރުތަކެއް ވަންދެން ގާއިމް ކުރެވިފައިވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އަށާއި ޗައިނާ އަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.
ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދިނުމަށް ޗައިނާ އިން ބޭނުންވާ ކަމަށާއި ސިޔާސީ ގޮތުން ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި ކަމަށް "ސީއާރުއައި އިންގްލިޝް" ގައި ބުނެފައިވެ އެވެ. އަދި ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ޓޫރިޒަމަށާއި އުމްރާނީ މަސައްކަތައް ކުރިއެރުވުމަށް އިގްތިސާދީ ގޮތުން ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވޫ ވިދާޅުވި ކަމަސް އެ ސައިޓްގައިވެ އެވެ.
ޝާހިދު ދެއްކެވި ވާހަކަ ފުޅުގައި ޗައިނާ އިން ރާއްޖެއާ މެދުގައި ބާއްވާ ގާތް ރަހުމަތްތެރި ކަމަށް ދިވެހި ރައްޔިތުން އިތުބާރު ކުރާކަމުގައި ވިދާޅުވި ކަމަށް ވެސް އެ ސައިޓްގައިވެ އެވެ. އަދި ރާއްޖޭގެ ރައްޔިތުން މަޖިލީހުން ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ވިދާޅުވި އެވެ.
ވޫގެ ދައުވަތަކަށް ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޗައިނާ އަށް ވަޑައިގެންފައި ވަނީ މި މަހު 8 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައި އެވެ.