22 Jul 2014, 19:29
ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އީދު ސަލާން ކުރެއްވުން ސަލްޓަން ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 11:00އަށް ކަމަށެވެ.
މުއާޒު ވިދާޅުވީ އީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށާއި އީދު ސަލާމް ކުރެއްވުމަށް ސަލްޓަން ޕާކަށް ވަދެވަޑައިގަންނަވަން ޖެހޭނީ އެތަނުގެ މައި ދޮރޯށިން ކަމަށެވެ.
އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާއިރު، އާއިލާގެ މެންބަރުންނާއެކު ތުއްތުކުދިން ގެންނެވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރު އީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސަލްޓަން ޕާކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފުރުސަތު އެންމެހައި ދިވެހި ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ދިވެހިރައްޔިތުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކާއި، ބޭރުގެ ޖަމާއަތްތަކުގެ އިއްޒަތްތެރިންނަށާއި، މަންދޫބުންނަށްވެސް އީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.