ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އއ. ހިމަންދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓް މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތިވެފައިވާތީ އޭނާގެ ކެންޑިޑެސީ ބާތިލްކުރުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ހިމަންދޫ، ޖަވާހިރުވާދީ، އަސީތު ތައުފީގުގެ ވަކީލު ޝަހީމް އަހުމަދު މިއަދު ވިދާޅުވީ އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އަސީތުގެ މައްޗަށް 2003 ވަނަ އަހަރު ސާބިތުވެފައިވާ އެއް އަހަރާއި 11 މަސް ދުވަހުގެ ވައްކަމުގެ ހުކުމަކީ ހައްދު ކަނޑައެޅިފައިވާ ހުކުމެއް ނޫނެވެ.
~
އަދި ވިދާޅުވީ އިލެކްޝަންސް އިން އަމަލު ކޮށްފައިވާ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން އަސީތުގެ ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށެވެ.
"އަސީތުގެ މައްޗަށް ސާބިތުވެފައި ވަނީ ހައްދު ކަނޑައެޅިފައިވާ ވައްކަމުގެ ކުށެއް ނޫން. އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރާނީ އެކަން ސާބިތު ކުރުމަށް،" ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވެފައި ވަނީ އަސީތުގެ ކެންޑިޑެސީ އިލެކްޝަންސް އިން ބާތިލްކޮށްފައި ވަނީ އޭނާއަށް ހުއްދަ ވެސް ދިނުމަށްފަހު ކެމްޕެއިން ކުރަން ވެސް ފަށާފައި ވަނިކޮށް ކަމަށެވެ.

އަސީތު ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މިރޭ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އެބަ އޮތެވެ. އެ މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ މަޖިލީހަކުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ގާއިމްވެފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ ކުށެއް ނުވަތަ ހިޔާނަތުގެ ކުށެއް ނުވަތަ ރިޝްވަތު ކުށެއް ސާބިތުވެފައިވާ ނަމަ އެމީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ދާދިފަހުން މ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި މީހެއްގެ އެޕްލިކޭޝަން އިލެކްޝަންސް އިން ބާތިލް ކުރުމުން ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އެގޮތަށް އިލެކްޝަންސް އިން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާގެ އެޕްލިކޭޝަން ބަލައިގަތުމަށް ވެސް އިލެކްޝަންސްގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.