ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ ޖަރީމާތަށް ހިންގަމުންދާތީ އެ ގައުމާ މެދު ރާއްޖޭން އަމަލުކުރާނެ ގޮތަކާ މެދު މަޖިލީހުން ދެކޭގޮތް ބެލުމަށް ގަރާރެއް ހުށަހަޅައިފި އެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، އެ ގަރާރު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ "ފަލަސްތީނުގެ މުސްލިމު އަޙުންނާއި އުޚުތުންނަކީ އަޅުގަނޑުމެން ފަދަ މުސްލިމުންކަމަށް ވީ ހިނދު، ފަލަސްތީނުގެ އެ އަޚުންނާއި އުޚުތުންނަށް ރަހުމްކުޑަ ލާއިންސާނީ އަނިޔާ ކުރަމުންދާ ދިޔުމާއި، ކުށެއްނެތް ކުޑަކުދީންނާއި އަންހެނުންނާއި ޢާންމުންނަށް އެއްވެސް އިންސާނިއްޔަތު ކަމެއްނެތި އަނިޔާކޮށް އެމީހުން މަރަމުންދާ ދިއުމާ ދެކޮޅަށް ދިވެހިރާއްޖޭން އަމަލުކުރަން ވާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް ހުށަހަޅާ ގަރާރެއް" ކަމަށެވެ.

އަލިފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އިސްރާއީލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅިގެން ދިޔައިރު އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ ގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލާފައި ވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، އިސްރާއީލުން ރާއްޖެއަށް އެތެރެ ކުރާ ތަކެތީގެ ސީދާ ޕަސެންޓޭޖެއް ނޭނގޭ ކަމަށާއި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެ ކުރާ ތަކެތި ނިސްބަތުން މަދު ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރުމަށް އިސްރާއީލުގެ އިންވެސްޓަރުން މުހިއްމު ނޫން ކަަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް މުހިއްމުވާނީ އިންސާނީ ހައްުގުތަކަށް ބޯލަނބާ ގައުމުތަށް ކަމަށްވެސް މުންދު ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެެ ސަރުކާރުން އިޒްރޭލާ އެކު ހަދާފައިވާ ތިން އެއްބަސްވުމެއް މިހާރު އުވާލާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ފެންވަރުން މާލީ ގޮތުންނާއި މާއްދީ ގޮތުން އެހީތެރިކަަން ފޯރުކޮށްދޭން ނިންމާފައި ވާ ކަމަށް ވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ.