22 Jul 2014, 14:09
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އުދުވާނުތައް ހިންގަމުންދާ އިސްރާއީލްގެ ލަޝްކަރުގެ ތެރެއިން މީހަކު ގެއްލިއްޖެ ކަމަށް ކަމަށް އިސްރާއީލުން ބުނެފި އެވެ.
އިސްރާއީލީ ޑިފެންސް ފޯސް ( އައިޑީއެފް) އާ ހަވާލާދީ އަލްޖަޒީރާ ބުނީ ގެއްލުނު ސިފައިންގެ މީހާ ވާނީ މަރުވެފައި ކަމަށް ގަބޫލުކުރާ ކަމަށެވެ.
އިސްރާއީލުން މިއަދު ވެސް ޣައްޒާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކާއި ޓޭންކް ހަމަލާތަކުގައި ފަލަސްތީނުގެ ފަސްމީހުން ވަނީ ޝަހީދުވެފައެވެ. އެއާ އެކު އިސްރާއީލުން މިފަހަރު ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ފެށި އުދުވާނުގައި މަރުވިމީހުންގެ އަދަދު ވަނީ 580 އަށް އަރާފައެވެ.
އަލްޖަޒީރާ ބުނީ އިސްރާއީލުގެ ހަމަލާތައް މިއަދު ޣައްޒާގެ 70 ތަނަކަށް އެރި ކަމަށެވެ. އަދި ބުނީ އޭގެ ތެރޭގައި ފަސް މިސްކިތަކާއި ފުޓްބޯޅަ ސްޓޭޑިއަމަކާއި ހަމާސްގެ އަސްކަރީ ގޮފީގެ ކުރީގެ ވެރިޔާގެ ގެ ހިމެނޭ ކަމަށެވެ.
ފަލަސްތީން ފުލުހުންގެ ތަރުޖަމާނު އައިމަން ބަތުނީޖީ ވިދާޅުވެފައި ވަނީ އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި އެތައް ގެއެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މެޑިޓަރޭނިއަން ކަނޑުގައިވާ އިސްރާއީލުގެ ކަނޑުގެ ސިފައިން ދިން ހަމަލާތަކުގައި ޣައްޒާގެ މަސްވެރިންގެ 19 އުޅަނދެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެނާ ވިދާޅުވެފައި ވެއެވެ.