22 Jul 2014, 13:41
ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މަދަނީ ޖަމިއްޔާގެ މެމްބަރު ކަމަށް ޖުމްލަ 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވަނީ އެލްޖީއޭ ބޯޑަށް 12 ޖަމިއްޔާއަކުން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުއްވާފައެވެ.
އެލްޖީއޭ ބޯޑަށް ކުރިމަތިލާފައިވާ ޖަމިއްޔާތަކަކީ ހުވަދޫ. އެއިޑް، ޖަމިއްޔަތުލް ސަލަފް، އެސޯސިއޭޝަން އޮފް ކަލްޗްރަލް ޝޯސަލް ކޯޕަރޭޝަން، ލިޔުންތެރިންގެ ގުޅުން، ނައިފަރު ޖުވެއިނަލް، ޕޭރެންޓްސް އެސޯސިއޭޝަން، ދިވެހި ޔޫތު މޫވްމަންޓް، ވޮއިސް އޮފް ވިމެން ހޯރަފުށި ޔޫތް ޑިވްލޮޕްމަންޓް ސޮއިސައިޓީ، މޯލްޑިވްސް ސިވިލް ސާވަންޓް އެސޯސިއޭޝަން، ކަނޑުހުޅުދޫ އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީ (ކިޑްސް) އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭ ބޯޑުގައި ހިމެނޭ ނުވަ ގޮނޑީގެ ތެރެއިން ދެ ގޮނޑިއަށް މެމްބަރުން އައްޔަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ މަދަނީ ޖަމިއްޔާތަކުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެ ބޯޑަށް މަޖިިލީހުން އައްޔަން ކުރާ މެމްބަރާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މެމްބަރެކެވެ.
އުވިދިޔަ ރައްޔިތުންގެ މަޖިލީހުން ވެސް އެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އޭރު ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ކޮމެޓީ މަރުހަލާގައި ވަނިކޮށް މަޖިލީހުގެ ދައުރު ހަމަވީ އެވެ. އެފަހަރު އެލްޖީއޭގެ ބޯޑަށް ކުރިމަތިލެއްވީ އެންމެ ދެ ބޭފުޅުންނެވެ.
އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސް އައްޔަން ކުރައްވާ ބޭފުޅަކާއި މާލޭ ސީޓީ ކައުންސިލުން އައްޔަންކޮށްފައިވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާފައިވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.