މީގެ ހަތަރު އަހަރު ކުރިން އިންގްލެންޑުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންދާ 34 އަހަރުގެ ސްޓީވަން ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވެގެން ގޮސްފައިވަނީ މިހާތަނަށް އިންގްލެންޑްގެ ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ.

ޖެރާޑް ބުނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހުމުން ވަރަށް ދެރަވި ކަމަށާއި ނަމަވެސް އެކަން ކުރީ ވަރަށް ވިސްނުންތެރިކަމާއެކު، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގަިއ ކަމަށެވެ. އަދި ނިމިދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނެފައިވާނެ ކަމަށް ވެސް ޖެރާޑް ބުންޏެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވަރަށް ހިތް ދަތި ދުވަހެއް. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޚިދުމަތް ކޮށްދިނުމުގަިއ ހުންނާނަން. އަހަރެން ގައުމީ ޓީމަށް ކުޅުން ކޮންމެ މެޗަކާ މެދު ފަހުރުވެރިވޭ،" ޖެރާޑް ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމަށް ޖަރާޑް އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2000 ވަނަ އަހަރުވެއެވެ. އަދި ގައުމީ ޓީމަށް ޖެރާޑް 114 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 21 ގޯލު އެ ޓީމަށް ޖަހައިދީފައެވެ.