އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް ހުޅުވި ފަންޑަށް ފަސް ދުވަސްތެރޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު "ސަން" އަށް ވިދާޅުވީ، "ޣައްޒާ ފަންޑް މޯލްޑިވްސް" ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި އެ ފަންޑަށް އިއްޔެގެ ނިޔަލަށް، 1,012,408.70 ރުފިޔާ އާއި 3009 ޑޮލަރު (46398.78 ރުފިޔާ) ލިބިފައިވާ ކަމަށެވެ.

އެއް މަސް ދުވަހަށް ހުޅުވާފައިވާ އެ ފަންޑަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ޣައްޒާ ފަންޑް މޯލްޑިވްސް އިން ބުނީ، އެ ފަންޑަށް ލިބޭ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެންމެ ބޭނުންވެފައިވާ ކާނާ އާއި އަނިޔާ ލިބިފައިވާ މީހުންގެ ބޭސްފަރުވާ އަށް އެ ފައިސާ ޚަރަދުކުރުމަށް ގަތަރުގެ ރެޑް ކްރެސެންޓްގައި އެދިފައިވާނެ ކަމަށެވެ.

ޣައްޒާ ފަންޑު ފޮށިތައް މިއަދު ހުޅުމާލޭގެ އެކިތަންތަނުގައި ބަހައްޓާފައިވާއިރު، މާލޭގެ ސޯޝަލް ސެންޓަރު ކުރިމަތީގަ އާއި ސުނާމީ ބިނާ އާއި މަޖީދީމަގު އޮލިމްޕަސް ކުރިމަތި އަދި ފުރުގާން މިސްކިތުގެ އިތުރުން އަދާލަތް ޕާޓީގެ އޮފީހުގައިވެސް ވަނީ ބަހައްޓާފައެވެ.