ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރަން ޗައިނާގެ ރަނގަޅު ކުންފުނިތައް ޝައުގުވެރި ކުރުވިދާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ފޫކާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސިންހުއައި ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވާން ވިދާޅުވެފައި ވަނީ އިގުތިސާދު ފުޅާކުރުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތުން ޗައިނާ ވެސް ހިމެނޭ ގޮތުން ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށް ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"... ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން އޮތީ ޗައިނާ. 2013 ވަނަ އަހަރު އެކަނިވެސް ޗައިނާއިން ރާއްޖެއަށް 330،000 ޓޫރިސްޓުން ރިޔާރަތްކުރި. ކުރިމަގުގައި އިތުރު ޓޫރިސްޓުން ގެނައުމަށް ދެގައުމުން ވެސް މަސައްކަތް ކުރެވިދާނެ. ރާއްޖޭގެ ޓޫރިޒަމް ސެކްޓާގައި އިންވެސްޓްކުރުމަށް ޗައިނާގެ ރަނގަޅު ކުންފުނިތައް ޝައުގުވެރިކުރުވިދާނެ،" ވާން ވިދާޅުވި ކަމަށް ސިންހުއައި ނޫހުން އިއްޔެ ބުންޏެވެ.

އޭނާ ވިދާޅުވެފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން ކަމަށް ވިޔަސް ރާއްޖޭގެ ރިޒޯޓް ވިޔަފާރީގައި ޗައިނާގެ އެންމެ ކުންފުންޏަކުން ވެސް އަދި އިންވެސްޓްކޮށްފައި ނުވާ ކަމަށެވެ.

"... ތަރައްގީ ކުރުމާއި ހިންގުމުގެ ހަރުދަނާ މޮޑެލާއި އެކު ރާއްޖޭގެ ޓޫރިޒަމްގެ ސިފައެއް ކަމަށްވާ އެއް ރަށުގައި އެއް ހޮޓާ ހުރުމުގެ ސިފައަކީ މުޅިން ތަފާތު ސިފައެއް. 100 އަށް ވުރެ ގިނަ ރަށްތައް މިހާރު ހުޅުވާފައި ވީ ނަމަވެސް ތަރައްގީ ކުރެވޭނެ ވަސީލަތްތައް ( ރަށްތައް ) އަދިވެސް އެބަހުރި،" ވާން ވިދާޅުވެފައި ވެއެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ ދާއިރާއަކީ ވެސް ދެގައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާއެއް ކަމަށެވެ.

އެކި ދާއިރާތަކުން ޗައިނާއާއި ރާއްޖެއާ ދެމެދު ފަހަކަށް އައިސް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަންނަ އޮގަސްޓްމަހު ޗައިނާއަށް ވަޑައިގެންނެވުމަށް އެގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމަށް ދައުވަތު އަރުވާފައެވެ.