22 Jul 2014, 12:43
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި ނިމާލް އެ ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފައިވަނީ ހުރިހާ ޕާޓީގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ނިމާލް ކޮމެޓީއަށް ހާޒިރުކުރުމަށް ވޯޓު ދެއްވާފައިވަނީ ރޮޒައިނާ އާއި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުސާ ނިޒާރާއި ހޯރަފުށި ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލާއި ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ. ނިމާލް ހާޒިރު ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެންބަރު، މުހައްމަދު ވަހީދު އިބްރާހީމް ވޯޓުގައި ބައިވެރިވަޑައިގެންފައެއްނުވެ އެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުން ނިންމާލާފައިވަނީ މާދަމާ ހެނދުނު 10:45 ގަައި ބާއްވާ ކޮމެޓީއަށް ނިމާލް ހާޒިރުކުރުމަށް ނިންމުމަށްފަހުގައި ކަމަށެވެ.