ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފުވެގެން މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު 257000 ރުފިޔާއަށް އަރާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން "ސަން"އާ ހިއްސާ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެ ގަވައިދާ ހިލާފްވި 123 މީހެއް 500 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވެއެވެ. ހޮޓާކެފޭ ރެސްޓޯރެންޓް ތަކުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ އިސްތިއުމާލްކުރަން ފުރުސަތު ދިން 167 ތަނެއް 1000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނޯޓިސް ހަރުނުކޮށް ހުރި ހަތް ތަނެއް 500 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެކަން ތަކުރާރު ކުރި ފަސް ތަނެއް ދެވަނަ ފަހަރަށް 5000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކޮށްފައިވާ ޖޫރިމަނާގެ އަދަދު 250،000 ރުފިޔާއަށް އަރާއިރު އެއީ 2013 ވަނަ އަހަރު އެ ގަވައިދުގެ ދަށުން ކޮށްފައިވާ ޖޫރިމަނާއަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ ގަވާއިދުގެ ދަށޫން ކޮށްފައިވާ ޖޫރިމަނާއަށް ވަނީ 187500 ރުފިޔާ އެވެ. އޭގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ދައްކާފައިވަނީ އެންމެ 10،000 ރުފިޔާ އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު މިއަދު ސަންއަށް ވިދާޅުވީ، އެ ގަވާއިދުގެ ދަށުން އެ މުއައްސަސާއަށް ލިބިފައި ވަނީ އެ ގަވާއިދާ ހިލާފުވާ ތަންތަނާ މެދު ފިޔަވަޅު އެޅުުގެ ބާރު ކަމަށް ވާ އިރު އެ ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި ކުރިއަށް އޮތްތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ފިޔަވަޅުއަޅައިގެން ވެސް އެކަން ހައްލު ނުކުރެވޭނަމަ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަންތަން ކަނޑައެޅުމު ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި ވެއެވެ.