ސްރީ ލަންކާއިން ރާއްޖެއަށް ޑޮކްޓަރުންނާއި ނަރުހުން ފޮނުވައި ދިނުމަށް ހެލްތު މިނިސްޓަރް ޑރ. މަރިޔަމް ޝަކީލާ އެގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ސްރީލަންކާ ބްރޯޑްކާސްޓް ކޯޕަރޭޝަނުން އިއްޔެ ބުނީ ޑރ. ޝަކީލާ އެކަމަށް އެދިވަޑައިގެންނެވީ އެ ގައުމުގެ ހެލްތު މިނިސްޓަރު މައިތުރީޕާލާ ސިރީސޭނާގެ އަރިހަށް ދާދިފަހުން ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ. އަދި ބުނީ ރާއްޖޭގައި ޑޮކްޓަރުންނާއި ނަރުހުންގެ ގިނަ ވަޒީފާތަކެއް ހުސްކޮށް އެބަ އޮތް ކަމަށް މައިތުރީޕާލާ އަރިހު ޝަކީލާ ވިދާޅުވިކަމަށެވެ. ސްރީލަންކާއިން ޑޮކްޓަރުންނާއި ނަރުހުން ހޯއްދަވަން ބޭނުންފުޅު ވަނީ އެގައުމުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވީމާ ކަމަށް އެކަމަނާ ވިދާޅުވި ކަމަށް ވެސް ބުންޏެވެ.

ސިއްހީ ދާއިރާއިން ސްރީލަންކާއިން ރާއްޖެއަށް އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި މިދިޔަ ޖޫންމަހު ދެގައުމުން ވަނީ ސޮއިކޮށްފައެވެ. ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ޖޫން 25 ވަނަ ދުވަހު އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޝަކީލާއެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޖީއެލް ޕީރިއަސް އެވެ.