އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ވަރުގަދަ އުދުވާނުގައި ވައިގެމަގުން ރޭ ދިން ހަމަލާތަކުގައި ޣައްޒާގެ ފަސް މިކިތަކާއި، ކުޅިވަރު ސްޓޭޑީއަމަކާއި ޝަހީދުކޮށްލާފައިވާ ހަމާސްގެ ކުރީގެ ވެރިއެއްގެ ގެއަށް ބޮން އަޅައިފި އެވެ.

ޣައްޒާގެ ފުލުހުންގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ ރަހުމުކުޑަ އެ ހަމަލާތައް ދެމުން ދިޔަ ވަގުތު ޣައްޒާގެ ޖައްވުތެރެ އެއްކޮށް އޮރެންޖް ކުލައަށް ބަދަލުވި ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް މިއަދު ހަމަލާތަކެއް ދީފައިވަނީ، ހަމާސް ޖަމާއަތާއި އިސްރާއީލުގެ ސިފައިންނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށްޓަކައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫންއާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މިސްރުގެ ކައިރޯގައި މަޝްވަރާތައް ކުރިއަށްދާ ވަގުތެއްގައެވެ.

ޣައްޒާ ފުލުހުންގެ ތަރުޖަމާން އައިމަން ބަތުނިޖީއާ ހަވާލާދީ އޭޕީން ބުނީ، އިސްރާއީލު އަސްކަރިއްޔާއިން ވައިގެ މަގުން ޢައްޒާގެ 70 ތަނަކަށް ރޭ ދަންވަރު ހަމަލާދީފައިވާ ކަމަށެވެ.

ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިފަހަރު ދޭންފެށި އުދުވާނީ ހަމަލާތަކަށް ދެ ހަފްތާ އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ އުދުވާނުގައި ފަލަސްތީނުގެ 570 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އޭގެ ތެރޭގަައި ގިނަ އަދަދެއްގެ ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީން ހިމެނެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ އަސްކަރިންޔާއާ ދެކޮޅަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި އިއްޔެގެ ނިޔަލަށް އިސްރާއީލު ސިފައިންގެ 27 މީހުން ވަނީ މަރާލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ރޭ ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާން ހުއްޓުވުމަށްޓަކައި މިސްރުން ކުރިން ހުށަހެޅި ހުށަހެޅުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެދޭ ބަދަލުތައް ގެނައުމަށްފަހު އަލުން ހުށަހަޅަން ގަސްދުކުރާކަމަށް މިސްރުންވަނީ ހާމަކޮށްފަ އެވެ.