22 Jul 2014, 12:03
ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފޮއްދޫގައި ބަނދަރު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށް ނިންމާފައި ވާ ކަމަށެވެ. އަދި މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެރަށު ރައްޔިތުންނާއި ކައުންސިލްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ ޚިޔާލު ހޯދާފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެދުވަހު އެ މީޓިންގަ ވެސް އަޅުގަނޑުމެން ޔަގީންކަން ދިނިން ބަނދަރު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް. އަދި ހަމަ އެ ދުވަހު ސިޓީއަކުން އަޅުގަނޑު ކައުންސިލަށް ދެންނެވިން ޖުލައި މަސް ނިމުމުގެ ކުރީގައި ބަނދަރު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތައް ނިންމުމަށްފަހު ޓެންޑާ ޑޮކިއުމެންޓްތައް ތައްޔާރު ކުރުމަށްފަހު ބިޑުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑަށް ހުށަހަޅާނަމޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފޮއްދޫ ބަނދަރުގެ ޑިޒައިން މިހާރު ވަނީ ފައިނަލް ކުރެވިފައި ކަމަށާއި ބަނދަރު ހަދާނެ ބަޔަކު ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށެވެ.
"އެހެންކަމުން މި މަސައްކަތަކީ ސަރުކާރުން ބަނދަރު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ އިދާރީ، ފަންނީ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމެއް. އަދި ކުރިން ވެސް އަޅުގަނޑު ޔަގީންކަން ދިން ގޮތަށް ބަނދަރު ހެދުމަށްޓަކައި ބަޔަކު ހޯދުމަށް މި ހަފްތާގެ ތެރޭގައި ފިނޭންސްގެ ޓެންޑާ ބޯޑަށް އެބަ ފޮނުވަން. އެ ބޯޑުން ގެޒެޓުގައި ޖަހައިގެން އިއުލާން ކުރާނީ ބަޔަކު ހޯދަން. އާންމުކޮށް ޓެންޑަރިން ޕްރޮސެސްއަށް ނަގާނެ ދޮޅު މަހެއްހާ ދުވަސް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.