ފުވައްމުލަކު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބަންދު ކުރަން ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުވައްމުލަކު ފުނާޑު އަވަށު، އުފާގޭގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރޭ 8:30 ހާއިރު ދެ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

ފުލުހުން ބުނީ އުމުރުން 33 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުފާގޭގެ ތެރޭ މަސްތުވާތަކެތި ބަންދު ކުރަން ތިއްބައި ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުންގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒުގެ ޕެކެޓަކާއި މަސްތުވާތަކެތި އަޅާފައި ހުރި އިތުރު 111 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.