22 Jul 2014, 11:29
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުރަތަމަ ހަ މަސްދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ މިންވަރު މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ 11.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 601513 ޓޫރިސްޓުން އައިސްފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 539667 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ 11.5 ޕަސެންޓްގެ އިތުރުވުމެކެވެ.
ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވާ ސަރަހައްދަކީ ޔޫރަޕެވެ. އެއީ 279886 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ޕަސެންޓް އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އޭޝިއާ ސަރަހައްދުން 279621 ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު އެއީ 22.3 ޕަސެންޓްގެ އިތުރުވުމެކެވެ.
ޖޫން މަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 83347އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ 9 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން ރާއްޖެއަށް 171249 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 20.2 ޕަސެންޓްގެ ކުރިއެރުމެކެވެ.