22 Jul 2014, 01:25
ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިންޔާ އިން ޣައްޒާއަށް އަރައި ހޮސްޕިޓަލަކަށް ދިން ހަމަލާތަކެއްގައި ފަސް މީހަކު ޝަހީދުކޮށްލައިފި އެވެ.
އަލްޖަޒީރާއިން ބުނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރު އަލް ބަލާހް ސިޓީގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލުގެ ތިން ވަނަ ބުރިއަށް އިސްރާއީލު ސިފައިންގެ ޓޭންކަރުންތަކުން ދިން ހަމަލާތަކެއްގައި ފަސް މީހަކު ޝަހީދުވެ، 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އިސްރާއީލުގެ އެ ހަމަލާތައް އަމާޒުވެފައި ވަނީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓަށާއި އޮޕަރޭޓިން ތިއޭޓަރަށް ކަމަށާއި ހަމަލާގައި ޒަހަމްވެފައިވާ ގިނަ މީހުންނަކީ އަލް އަގްސާ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ.
އިސްރާއީލުގެ ސިފައިންނާ ހަވާލާދީ ބީބީސީ އިން ބުނީ އަލް އަގްސާ ހޮސްޕިޓަލަށް ހަމަލާދީފައި ވަނީ، ފަލަސްތީނުގެ ދިފާއުގައި އިސްރާއީލާއި ދެކޮޅަށް ޖިހާދު ކުރަމުންދާ ހަމާސްގެ ހަތިޔާރުތަކެއް އެ ހޮސްޕިޓަލުގައި ފޮރުވާފައިވާ ހުރި ކަމަށް ތުހުމަތުކޮށެވެ.
ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިންޔާއިން ޣައްޒާއަށް އަރައިމިހާތަނަށް ވަނީ ތިން ހޮސްޕިޓަލަކަށް ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލާފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާން މާކް ރެގެވް އަލްޖަޒީރާ އަށް ބުނެފައި ވަނީ، ހަމާސްގެ ހަތިޔާރުތައް ފޮރުވުމަށް ބޭނުން ކުރާ ކޮންމެ ތަނަކަށް ވެސް އިސްރާއީލުންނަށް ހަމަލާދެވޭނެ ކަމަށެވެ.
"އެއްވެސް ޝައްކެތް ނެތް ހަމާސް އިން ހޮސްޕިޓަލްތައް ބޭނުން ކުރޭ، ބޭނުންކޮށްފައި އެބަ ހުރި. އަދި އަހަރެމެން އާއްމުންނަކަށް ހަމަލާތަކެއް އަމާޒެއް ނުކުރަން،" ނެގެވް ބުނެފައިވެ އެވެ.
ނަމަވެސް، އަލް އަގްސާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މެދަތް އައްބާސް އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ، ހަމާސްގެ މުޖާހިދުންގެ ހަތިޔާރުތައް ފޮރުވުމަށް ހޮސްޕިޓަލްތައް ބޭނުން ކުރާ ކަމަށް އިސްރާއީލުން ދައްކަމުންދާ ވާހަކައަކީ ދޮގެއް ކަމަށެވެ.
"ކޮންމެ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތަކަށް ވެސް ހޮސްޕިޓަލަށް އައިސް ހޮސްޕިޓަލުގައި ހަތިޔާރު ހުރިތޯ ބަލައި ޗެކް ކުރެވޭނެ. އިސްރާއީލު މީހުންނަކީ ބޮޑެތި ދޮގު ވެރިން،" އަލް އަގްސާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެހެންތަންތަނަށް ބަދަލުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ޣައްޒާގެ އެއްވެސް ހޮސްޕިޓަލެއް ރައްކާތެރިއެއް ނޫން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ތިބި މީހުން އެތަނުން ނެރުމުގައި އެހީތެރިވެ ދިނުމަށް ރެޑް ކްރޮސްގައި އެދިފައިވާ ކަމަށެވެ.
ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިފަހަރު ފެށި އުދުވާނަށް މިއަދަށް ދެ ހަފްތާ ވެފައިވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 550 އަށް އަރާފަ އެވެ. އަދި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުގެ 27 ސިފައިންގެ މީހުން ވަނީ މަރާލާފަ އެވެ.