12 Jan 2011, 11:54
މަގުމަތީގެ ގަވާއިދު ތަކަށް ޢަމަލު ކުރޭތޯ ފުލުހުން ބަލަން ފެށިފަހުން އައްޑޫ ލިންކް ރޯޑްގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަކުގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ކުރިއާ އަޅާބަލާއިރު ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓްތައް މަދުވެފައިވާ ކަމަށާއި އަދި ޓްރެފިކް މައްސަލަތައް ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މައްސަލައަށް މިންވަރެއްގެ ހައްލެއް އައިސްފައި ވަނީ ލައިސަންސް ނެތި ދުއްވުމާއި ރޯޑް ވާދިނަސް ނުހަދައި ދުއްވާ މީހުންނާއި އަހަރީ ފީ ނުދައްކާ އުޅޭ ފަރާތްތައް ޗެކްކޮށް ފިޔަވަޅު އަޅަން ފެށުމުން ކަމަށެވެ.
ފުލުހުން ބުނީ އައްޑު އަތޮޅުގައި 60 ކިލޯމީޓަރަށް ދުއްވަން އޮންނަ ސަރަހައްދު ތަކުގައި ހެލްމެޓް އަޅައިގެން ދުއްވާ ގޮތަށް ހަމަޖެއްސި ފަހުން ހެލްމެޓް ނާޅައި ދުއްވައިގެން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރަން ޖެހިފައިނުވާ ކަމަށާއި އޭގެ ފަހުން ގާތްގަނޑަކަށް އެންމެހެން ސައިކަލް ދުއްވަނީ ހެލްމެޓް އަޅައިގެން ކަމަށެވެ.
ފަސްދޮޅަސް ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވޭ ސަރަހައްދުތަކުގައި ސައިކަލް ދުއްވާއިރު ހެލްމެޓް ނާޅާ ދުއްވައިފިނަމަ ގަވާއިދު ބުނާ ގޮތުން 750ރ. އިން ޖޫރިމަނާ ކުރެ އެވެ.
އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އައްޑު އަތޮޅުގައި އޮކްޓޯބަރު 1، 2009 ގައި އަމަލު ކުރަން ފެށިޔަސް ހެލްމެޓާ ސީޓް ބެލްޓް އަޅައިގެން ދުއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އައްޑޫގައި ތަންފީޒް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ނެވެ. ނަމަވެސް އޭގެ ފަހުން ވެސް ހެލްމެޓް ނާޅައި ދުއްވައިގެން ބައެއް މީހުން ޖޫރިމަނާ ކުރި އެވެ.
އައްޑޫ ލިންކް ރޯޑް ގައި ވަނީ މީގެ ކުރިން ތަފާތު ނުރައްކާތެރި އެކްސިޑެންޓް ތައް ހިނގާ ގިނަ ބައެއްގެ ފުރާނަ ގެއްލި މީހުންނަށް އެކި ވަރުގެ އަނިޔާ ތައް ލިބިފަ އެވެ. އެންމެ ފަހުން ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގީ މީގެ ތިން ހަފުތާ ކުރިންނެވެ.