19:00


ސިވިލްސާވިސް މުވައްޒަފުންގެ އަދަދު މަދުކުރުމާއި މުސާރަ ކުޑަކުރުމަށް ޑޯނަރ ގޮންފަރެންސްގެ ބައިވެރިން ބާރުއަޅާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ކަމަށް ސިވިލްސާވަންޓްސް އެސޯސިއޭޝަނުން ބުނެފި އެވެ.


ސިވިލްސާވަންޓްސް އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުން އަދަދު މަދުކުރުމަށާއި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ޑޯނަރ ކޮންފަރެންސްގެ ބޭފުޅުން ބާރުއަޅާ ކަމަށް ވިދާޅުވެ، ހަމައެކަނި ސިވިލް ސަރވަންޓުންގެ ނަން ބޭނުންކޮށް ދިވެހިރައްޔިތުންނާއި ސިވިލްސާވަންޓުންނަކީ ދެ ބައެއް ކަމަށް ދޭހަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވުމީ ރައްޔިތުންނަށް ކަމުގެ ގަގީގަތް އޮޅުވާލެއްވުމަށްޓަކައި ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު މަދުކުރުމާއި މުސާރަކުޑަ ކުރުމަކީ އެ ކޮންފަރެންސްގައި ބައިވެރިވި ބޭރުގެ ފަރާތްތަކުން ރުހޭ ކަމެއް ނޫން ކަމަށާއި އެކަމަނީ ހަމައެކަނި ސަރުކާރުން އިސްނަންގަވައިގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް އެ އެސޯސިއޭޝަނަށް އެނގިފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.


ސިވިލްސާވަންޓް އެސޯސިއޭޝަންގެ މުވައްޒަފުން ހައްގުތައް ގެއްލޭ ގޮތަށް ދައްކާ އެފަދަ ވާހަކަ ތަކަކީ އެ އެސޯސިއޭޝަނުން އަބަދުވެސް ކުށްވެރިކުރާ ވާހަކަތަކެއް ކަމަށާއި ސަރުކާރުން އެފަދަ އަމަލްތައް ކުރުން ހުއްޓާލައި އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ނޫސް ބަޔާނުގައި އިލްތިމާސްކޮށްފަ އެވެ.