ކުއަލަލަމްޕޫރު، މެލޭޝިއާ (އޭޕީ) --- މިސައިލް ހަމަލާއެއްގައި ވައްޓައިލި ކަމަށް ތުހުމަތު ކުރެވޭ މެލޭޝިއާ އެއާލައިންސްގެ އެމްއެޗް17ގެ ކަޅުފޮށިތައް މެލޭޝިއާ ސަރުކާރާއި ހަވާލުކުރުމަށް ޔުކްރޭންގެ ބާޣީން އެއްބަސްވެފައިވާ ކަމަށް މެލޭޝިއާއިން ހާމަކޮށްފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގޭގައި ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައި، ނަޖީބު ވިދާޅުވީ، އެމްއެޗް17ގެ މަތިންދާ ބޯޓުގެ ދެ ކަޅުފޮށި ޔުކްރޭންގައި މިހާރު ހަރަކާތްތެރިވަމުންދާ މެލޭޝިއާގެ ތަހުގީގު ޓީމާއި މިރޭގެ ވަގުތެއްގައި ހަވާލުކުރުމަށް ޔުކްރޭންގެ ބާޣީން އެއްބަސްވެފައިވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ، ވެއްޓުނު މަތިންދާ ބޯޓުން ދަތުކުރި 282 މީހުންގެ ހަށިތައް ރޭލުގައި ޔުކްރޭންގެ އިރުމަތީގެ އަވަށެއް ކަމަށްވާ ޓޮރެޒް އިން އެގައުމުގެ ކާކިވް ސިޓީއަށް ގެންދާނެ ކަމަށެވެ. އަދި އެތަނުން، އެހަށިތައް ނެދަލޭންޑްސްގެ އަސްކަރިއްޔާގެ ފަރާތުން އެގަމުގެ ވެރިރަށް އެމްސްޓަޑަމް އަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޔުކްރޭންގެ ބާޣީންގެ ލީޑަރު އެލެކްޒެންޑާ ބޮރޮޑައިއާއެކު މިރޭ ފޯނުން ގުޅުއްވައި، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މިނިވަން ބައިނަލްއަގްވާމީ ތަހުގީގު ޓީމުތަކަށް ބޯޓު ވެއްޓުނު ސަރަހައްދަށް ސަލާމަތްކަމާ އެކު ވަދެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށް ނަޖީބު ވިދާޅުވެފައިވެ އެވެ.

އެމްއެޗް17 ގައި ދަތުރުކުރި މެލޭޝިއާގެ 43 މީހުންގެ ހަށިގަނޑުތައް ފޮރިންސިކް ތަހުލީލުތަކަށްފަހު، ފިތުރު އީދުގެ ކުރިން މެލޭޝިއާއަށް ގެންދެވޭވަރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާމްސްޓަޑަމް އިން ފުރައިގެން ކުއާލަމްޕޫރަށް ދަތުކުރަނިކޮށް ވެއްޓުނުނު އެމްއެޗް 17 ވައްޓާލި ކަމުގެ ޒިންމާ ޔުކްރޭން ސަރުކާރާއި އެ ގައުމުގެ ބާޣީން ދަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ޔުކްރޭންގެ ވައިގެ ސަރަހައްދުން 33000 ފޫޓް މަތިން އުދުހެނިކޮށް ބޯޓް ވެއްޓުނު އިރު އެބޯޓްގައި ތިބި 283 މީހުން ވެސް މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.