21 Jul 2014, 22:34
ވަޒީރުނާއި މިނިވަން މުއައްސަސާތަކުގެ ވެރިންފަދަ އެގްޒެކްޓިވް ބުރާންޗުތަކުގައި ތިއްބަވާ ބޭފުޅުންގެ އެލަވަންސްގެ ތެރެއިން އުނިކޮށްފައިވާ ކާރުކޮޅުގެ ހަރަދުގެ ގޮތުގައި ހިމެނޭ އެލަވަންސް އަލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޤާނޫނު އަސާސީގެ 102 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 20 މެންބަރުން ވޯޓް ދެއްވާފައިވާއިރު އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.
ވަޒީރުނާއި މިނިވަން މުއައްސަސާތަކުގެ ވެރިންފަދަ އެގްޒެކްޓިވް ބުރާންޗުތަކުގައި ތިއްބަވާ ބޭފުޅުންގެ އެލަވަންސްގެ ތެރެއިން އުނިކޮށްފައިވާ ކާރުކޮޅުގެ ހަރަދު އަލުން ދިނުމަށް މާލީއްޔަތު ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރީއްޔާ އެކަމަށް ހުށަހެޅުއްވުމުންނެވެ.
ކޮމިޓީން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގޮތަށް އެގްޒެކެޓިވް ބްރާންޗް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކާރުގެ އެލަވަންސްގެ ގޮތުގައި، ޑްރައިވަރުގެ މުސާރައަށް 6،500 ރުފިޔާ ދިނުމަށާއި ޕެޓްރޯލް ޚަރަދަށް 1000 ރުފިޔާ ދިނުމަށެވެ. އަދި ކޮމެޓީން އެގޮތަށް ނިންމާފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރާ ތާރީޚުން ފެށިގެން އެ އެލަވަންސް ލިބިދިނުމަށް ފެންނަކަމަށެވެ.
ކޮމެޓީ މަރުހަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ މަޖިލީހުން އެ އެލަވަންސް ނުދިނުމަށް ފާސްކޮށްފައި ވަނިކޮށް ވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެސް މިނިސްޓަރުންގެ ކާރުކޮޅުގެ ހަރަދުތައް ދެއްވާފައިވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރަށް ނިސްބަތް ވާ މެމްބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ގޮތާއި ހިލާފަށް ކާރުކޮޅުގެ ހަރަދުގެ ގޮތުގައި މީގެ ކުރިން ގަވައިދާ ހިލާފަށް ފައިސާ ނަގާފައި ނުވާ ކަމަށެވެ.
އެގްޒެކްޓިވް ބުރާންޗް ތަކުގައި ތިއްބަވާ ބޭފުޅުންގެ ކާރުކޮޅުގެ ހަރަދުގައި ކުރިން ދެމުންދިޔަ ޑުރައިވަރުގެ މުސާރައިގެ ގޮތުގައި 6500 ރުފިޔާ އާއި ޕެޓްރޯލް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ނުދިނުމަށް ފާސް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް ނިންމާފައިވަނީ އެ އެލަވަންސް ދިނުމަށެވެ.