21 Jul 2014, 22:23
ޒަޔަނިސްޓު އިިޒުރޭލު އަސްކަރިންޔާއިން ގައްޒާއަށް އަރައި ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގެ އިތުރު ހަތް ސިފައިންގެ މީހަކު މިއަދު މަރާލައިފި އެވެ.
އިސްރާއީލް ސިފައިންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ، އިސްރާއީލުގެ ސިފައިންނާއި ހަމާސްގެ މުޖާހިދުންނާދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި އިސްރާއީލުގެ ހަތް ސިފައިންގެ މީހަކު މަރާލާފައިވާ ކަމަށެވެ. އަދި އަދި އެ މީހުންނާއެކު މަރުވި އިސްރާއީލް ސިފައިންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފަ އެވެ.
އިސްރާއީލުގެ އަސްކަރިންޔާ އާއި ދެކޮޅަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި އިއްޔެ ވެސް ވަނީ އިސްރާއީލުގެ 13 ސިފައިން މަރާލައިފި އެވެ. އަދި އެ މީހުންގެ ތެރޭގައި، އިސްރާއީލު ސިފައިންނާ ގުޅިގެން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ އެމެރިކާގެ ދެ މީހުންވެސް ހިމެނެ އެވެ.
ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިފަހަރު ފެށި އުދުވާނަށް މިއަދަށް ދެ ހަފްތާ ވެފައިވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 550 އަށް އަރާފަ އެވެ.