ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުޑަކުއްޖަކަށް ވެސް ފަށާތައުލީމާއި މެދުމަދުރަސީ ތައުލީމް ދައުލަތުން ހިލޭ ފޯރުކޮށްދޭން ޖެހޭ ގޮތަށް ގާނޫނެއްގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު ބަލައިގެންފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހަޅުއްވާފައިވާ އެ އިސްލާހު މަޖިލީހަށް ބަލައިގެންފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 81 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށް ވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނަށް ޖަމީލް އުސްމާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ފަށާތައުލީމާއި މެދުމަދުރަސީ ތައުލީމާއި ތަރުބިއްޔަތާއިބެހޭ ކަންތައްތައް އުނގައްނައި ދިނުމަކީ އެކުދިންގެ މައިންބަފައިންނައި ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ފަށާތައުލީމާއި މެދުމަދުރަސީ ތައުލީމް ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުޑަކުއްޖަކަށް ވެސް ދައުލަތުން ހިލޭ ފޯރުކޮށްއދޭންޖެހޭނެ ކަމަށް އެބިލްގައި ވަނީ ބުނެފަ އެވެ.

ބިލްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ކުޑަކުދިންނަށް އެއް ވެސް ތަފާތު ކުރުމެއްނެތި ފަށާތައުލީމާއި މެދުމަދުރަސީ ތައުލީމް ދައުލަތުން ހިލޭ ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ކުދިންނަށް ދިވެހި ދައުލަތުން ތައުލީމް ދިނުމަކީ ތާއިދު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ސަބަބެއް ކަމަށް މެމްބަރުން ވިދާޅުވީ އެ އުސޫލަކީ ދުނިޔޭގެ އެއް ވެސް ގައުމެއްގައި އަމަލު ކުރާ އުސޫލަކަށް ނުވާތީ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ފަށާތައުލީމާއި މެދުމަދުރަސީ ތައުލީމް މިހާރު ވެސް ފޯރުކޮށް ދެމުން ގެންދަނީ ދައުލަތުން ހިލޭ ކަމަށެވެ. އެހެން ކަމުން ސަރުކާރުން އެފަދަ އިސްލާހެއް ހުށަހަޅައިގެން އުޅޭ ސަބަބެއް ސާފް ނުވާ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ބިލްތައް ސަރުކާރުން ހުށަހެޅުމުގެ ބޭނުމަކީ މަޖިލީހުގެ ވަގުތު ބޭކާރު ކުރުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެބިލާ ގުޅޭގޮތުން ފަހު ބަސް ވިދާޅުވުމަށް ދެއްވި ފުރުސަތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް ވިދާޅުވީ ތަރައްގީއާ ތަހުޒީބުގެ ތެރެއަށް ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ޅަ ދަރީންނަކީ ދީނަށް ލޯބިކުރާ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އެކުދިންނަކީ ދީނީ އަގީދާ ވަރުގަދަ ބަޔަކަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މީގެ އަހަރުތަކެއް ކުރިން ފެނިގެންދިޔަ ހަގީގީ މަންޒަރަކީ ޓީވީން ލައިވްކޮށް ދައްކަމުން ދިޔަ ޕްރޮގްރާމެއްގެ ތެރެއިން، ދީނީ ޕްރޮގްރާމެއްގެ ތެރެއިން ތިމަންނައަކީ ދީން ގަބޫލުކުރާ މީހެއް ނޫނޭ. ތިމަންނައާ ދޭތެރޭ އޮތް ހުކުމަކީ ކޮބައި ހެއްޔޭ؟ މިކަހަލަ ފުރުސަތުތަކެއް އަޅުގަނޑުމެން ދީގެން ނުވާނެ. މިރާއްޖޭގައި މިއަދު އަޅުގަނޑުމެން މިދެކޭ ތަރައްގީއާއި ތަހުސީބާ ހަމައަށް ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ޅަ ދަރިންނަކީ ދީނަށް ލޯބިކުރާ ދަތިންތަކަކަށް ހެދުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އެކުދިންނަކީ ދީނީ އަގީދާ ވަރުގަދަ ބަޔަކަށް ހެދުން،" ޖަމީލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވަނީ ދިވެހި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް ވެސް ފަށާ ތައުލިމާއި މެދު މަދުރަސީ ތައުލީމް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ އިސްލާހު ގާނޫނަށް ހުށަހެޅުއްވީ ގާނޫނު އަސާސީއާ ތައާރަޒުވާތީ ކަމަށް ޖަމީލް ވިދާޅުވި އެވެ.