21 Jul 2014, 22:03
މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބައިވެރިންނަށް މުބާރާތް ބާއްވާ ސްކޮޓްލެންޑުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ސްކޮޓްލެންޑުގެ ގްލަސްގޯގައި މުބާރާތް ބާއްވާ ސަރަހައްދަށް ރާއްޖޭގެ ބައިވެރިން ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދެއެވެ.
އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ބައިވެރިންގެ އިތުރުން އެކްސްއެކްސް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ އެހެން ގައުމުތަކުގެ ޓީމުތަކަށް ސްކޮޑްލެންޑުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. އެ ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ އައިޓަމުތަކުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޮލިމްޕިކް ކޮމިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސްކޮޓްލެންޑްގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދައާ އެކު ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.
ވިހި ވަނަ ކޮމަންވެލްތު ގޭމްސް، ރަސްމީކޮށް ފެށުމަށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީތުން ބައިވެރިވާނެ އެވެ.