ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވަމުން އަންނަ އެއިދާރާގެ އެވޯޑް ނައިޓް މިއަހަރު ވެސް ބާއްވަން ނިންމާފައިވާއިރު، އެވޯޑް ނައިޓް ބާއްވާނެ ތާރީޚެއް މުޅިން ފައިނަލް ވާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަަމަށް އެއިދާރާއިން ބުނެފުިއެވެ.

ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވީ، އެވޯޑް ނައިޓް ބާއްވާނެ ތަރީޚެއް ފައިނަލް ކުރުމަށްޓަކައި އެކްސްކޯގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވަން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކްްސްކޯ ބައްދަލުވުން ބާއްވާނެ ތަރީހެއް ޖަވާ ވިދާޅުވެފައެއް ނުވެއެވެ.

"އެވޯޑް ނައިޓް ބާއްވާނެ ތާރިހެއް ފައިނަލް ކުރުމަށް އެކްސްކޯގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން. އެ ނައިޓް އަންނަ މަހުގެ ފަހު ކޮޅު ބޭއްވޭތޯ މިބަލަނީ. އެކަމަކުވެސް އަދި މުޅިން އެ ނައިޓް ބާއްވާނެ ތާރީހެއް ފައިނަލެއް ނުވެ،" ޖަވާ ވިދާޅުވިއެވެ.

އެފްއޭޭއެމްގެ އެވޯޑް ނައިޓަކީ ،ފުޓްބޯޅަ ކުޅުންތެރިންނާއި އެ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފްއޭއެމްއިން ބާއްވާ ވަރަށް ހާއްސަ ނައިޓެކެވެ. އެގޮތުން މިފަހަރުގެ އެފްއޭއެމް އެވޮޑް ނައިޓްގައި ހޮވުމަށް ހަަމޖެހިފައިވާ މަގާމް ތަކަކީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި ފިރިހެން ކުޅުންތެރިޔާ އަދި ޔޫތު ކުޅުންތެރިއާ އާއި ހިދުމަތްތެރި ރެފްރީންނަށް ދޭ އެވޯޑުގެ އިތުރުން އަހަރުގެ އެންމެ މޮޅު ކްލަބްގެ އެވޯޑެވެ. އަދި އެފްއޭ ޕްރެޒިޑެންޓްސް އެވޯޑާއި އަގުވަޒަންކުރުމުގެ އެވޯޑު އަދި ސަޕޯޓާސް ޓީމުގެ އެވޯޑެވެ.

މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އެވޯޑް ނައިޓުގައި އެއިދާރާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ މުހައްމަދު އުމެއިރަށެވެ. އުމެއިރާ ވާދަކޮށް ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށް މިހާރު ކުޅެމުން އަން ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެފްއޭއެމްއިން ހޮވާ 2012 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވާފައިވަނީ ފާތިމަތު ސާލިޔާއެވެ.އޭގެ އިތުރުން ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރަށްގީކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގެ ކުޅިވާރާބެހޭ ވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވި އުމަރު ޒާހިރަށް ވަނީ މިދިޔަ އަހަރުގެ އެވޯޑް ނައިޓުގައި އެފްއޭއެމްގެ ޕްރެޒިޑެންޓްސް އެވޯޑެއް ވަނީ އަރުވާފައެވެ.