21 Jul 2014, 21:50
ކޮކާ ކޯލާ ވެޓެރަންސް ކަޕުގައި ބީޖީ ސްޕޯޓްސް އާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
ލައިފް ބޯއީ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗަކީ ބީޖީ އާއި ޑީއެސްސީ ދެ ވަނަ ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.
މި މެޗުގައި ފުރަތަމަ ހާފުު 1-1 ލަނޑުން އެއްވަރުވެފައިވާ އިރު، ދެވަނަ ހާފު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ޑީއެސްސީގެ ޖާޒީ ނަންބަރު 9 ޝާހް އިސްމާއީލް، ދެ ލަނޑު ޖަހައިދީފައިވާއިރު ޖާޒީ ނަންބަރު 21 މުހައްމަދު ރަމީޒު ވަނީ އެއް ލަނޑު ޖަހައިދީފަ އެވެ. މި މެޗުގައި ބީޖީ ސްޕޯޓްސްއިން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 13 އިބްރާހީމް ޝާފިއު އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ވެސް ބީޖީ ސްޕޯޓްސް އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޝާފިއު އެވެ.
މި މެޗުން އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާއެކު ބީޖީ ވަނީ ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ދެ ވަނަ ބުރުގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރިއަށް ޖެހިލައިފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ދެ ވަނަ ބުރުގެ އެއް ވަނަ ކަށަވަރުވާނީ މާދަމާ ހަވީރު 4:40 ގައި ސޮކަ ވެޓެރަންސްއާއި މަހިބަދޫ ސްޕޯޓްސް ބައްދަލުކުރާ މެޗުގަ އެވެ. ޑީއެސްސީ އިން ދެ ވަނަ ބުރު ނިންމާލީ ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮވެ އެވެ. ފަސް ޕޮއިންޓާއެކު ވެލެންސިއާ ހަތަރު ވަނައިގައި ނިންމާލި އިރު، އެންމެ ފުލުގައި އޮތް މަހިބަދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ދެ މެޗު ނުކުޅެ ބާކީ އޮތްއިރު ސެމީ އަށް ދާނެ ހަތަރު ޓީމް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ހަތަރު ޓީމަކީ ސޮކަވެޓެރަންސް އާއި ބީޖީ އާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން ކްލަބް ވެލެންސިޔާ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދެ ވަނަ ބުރުގެ އެއް ވަނަ ޓީމާއި ދެވަނަ ބުރުގެ ހަތަރު ވަނަ ޓީމެވެ. އެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އަދި އަންނަ ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ދެ ވަނަ ބުރުގެ ދެ ވަނަ ޓީމާއި ދެ ވަނަ ބުރުގެ ތިން ވަނަ ޓީމެވެ.