މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ ހޯމް މިނިސްޓްރީންނެވެ. މީޑިއާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށްޓަކައި އެ ކައުންސިލްގެ 15 ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލީ ޔޫތު މިނިސްޓްރީންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލާއެކު މީޑިއާ ކައުންސިލް އިންތިހާބު ބޭއްވުމުގެ ޒިންމާ އުފުލަން ޖެހިފައި ވަނީ ދާހިލީ ވުޒާރާ، ހޯމް މިނިސްޓްރީއަށެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލައި ހިމެނޭ މީޑިއާގެ އަށް މެންބަރުންގެ މަގާމަށާއި އާންމުންގެ ހަތް މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ވަނަވަރާއި އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިއުލާންގައި ބުނެފައިވާ ގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކަށް ކަމަށެވެ. މީގެ ކުރިން މީޑިއާ ކައުންސިލަށް އާންމު މެމްބަރުންގެ ގޮތުގައި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ވެސް އިންތިހާބުވެފައިވެ އެވެ.

އާންމުގެ ފަރާތުން މީޑިއާ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް 14 ކެންޑިޑޭޓުންނަށް ޝޯޓްލިސްޓް ކުރަން ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އާންމު މެމްބަރުން ޝޯޓްލިސްޓު ކުރުމުގައި ބަލާނީ ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާޢީ ސައިންސަސްގެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.

އިޖުތިމާޢީ ތަރައްޤީ އާއި ދުޅަހެޔޮ ކަމާއި ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާއި ނުކުޅެދުންތެރި ކަމަށް މަސައްކަތްކުރުމުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އާންމު މެމްބަރުންގެ ގޮނޑިއަށް ވާދަކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން އިއުލާންގައިވެ އެވެ.

މީޑީއާ ކައުންސިލްގެ މީޑިއާތަކުގެ އަށް ގޮނޑިއަށް ކެންޑިޑޭޓުންގެ ނަން ހުށަހަޅަން ޖެހޭނީ މީޑިއާތަކުން ކަމަށް އިއުލާންގައި ބުނެފައިވެ އެވެ. އެގޮތުން ކެންޑިޑޭޓުގެ ނަން ހުށަހަޅާ ކޮންމެ މީޑިއާއަކުން ވެސް އެ މީޑިއާއަކުން ހުށަހަޅާ ކެންޑިޑޭޓުގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަންވާނެ ކަމަށް އިއުލާންގައިވެ އެވެ.