21 Jul 2014, 21:16
ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަަސް ގެންދާ ޕިލިޕްސް ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުން އެސްޓީއޯ އާއި ކޯސްޓްލައިން ޓީމް މޮޅުވެއްޖެއެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗް ޓޯޓަލް ޓްރާންސްޕޯރޓް ސޮލިއުސަން (ޓީޓީއެމްއެސް)އާ ބައްދަލުކޮށް އެސްޓީއޯ ކާމިޔާބުކުރީ 41 ލަނޑުންނެވެ. ދެވަނަ މެޗް ކްލަބް ފެންއާއި ބައްދަލުކޮށް ކޯސްޓްލައިން ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.
ފުރަތަމަ މެޗް ޓޮސް ދިމާވުމުން އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 136 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 39 ލަނޑު ހެދި ސަރީފް އާއި 23 ލަނޑު ހެދި ރަހީމް އަދި 28 ލަނޑު ހެދި ރުބޭލެވެ.
ޖަވާބުގައި ޓީޓީއެސް މޯލްޑިވްސް ކުޅެންއަރާ އަށް އޯވަރު ނިމުނުއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 95 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 26 ލަނޑު ހެދި އިސްމާއިލް ނިހާދު އާއި 28 ލަނޑު ހެދި ޑިލަންތާ އެވެ.
މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން ކްލަބް ފެން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 62 ލަނޑު ހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 21 ލަނޑުހެދި މުހައްމަދު ފައިސަލްއެވެ. ޖަވާބުގައި ކޯސްޓްލައިން ކުޅެންއަރާ ތިން އޯވަރުގެތެރޭގައި 63 ލަނޑުހެދި އެވެ.
މުބާރާތުގައި މަދަމާ ހަވީރުވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޮނީ ހާރޑްވެއަރއާއި ކޯސްޓަލައިނެވެ. ދެވަަނަ މެޗްގައި ބައްދަލުކުރާނީ އެޓޯލް ހައިޑްއަވޭ މޯލްޑިވްސްއާއި ޓީޓީއެސް މޯލްޑިވްސްއެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.