21 Jul 2014, 20:57
ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒައިނިސްޓް ޔަހޫދީން ކުރާ މިލްކުވެރިކަމުގެ ދަޢުވާގެ މައިގަނޑު ހަތަރު އަސާސުގެ ތެރެއިން، ދެވަނަ އަސާސަކީ ތާރީޚީ އަސާސެކެވެ. އެއުރެން ބުނާ ގޮތުގައި، ފަލަސްޠީނުގެ ބިމަކީ ތާރީޚީ ގޮތުން ބަލާ އިރު ޔަހޫދީންނަށް މިލްކު ވެގެން ވާ، އެއުރެންގެ އިންތިސާރީ ނުވަތަ "އެކްސްކްލޫސިވް" ވަޒަނެވެ. މީގެ 3300 ވަރަކަށް އަހަރު ކުރީން، އާދެ، ޢީސާއީ މީލާދުގެ 1300 ވަރަކަށް އަހަރު ކުރީން (މކ.)، ޔޫޝަޢު ބިން ނޫން ބަނީ އިސްރާއީލުންނާއިގެން އެ ބިމަށް ވަދެވަޑައިގަތީއްސުރެ، ޔަހޫދީންގެ ވަޒަނަކަށް ވެފައި ވާ، އެއުރެންގެ ވަޒަންބިމެވެ.
ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒައިނިސްޓް ޔަހޫދީން ކުރާ ދަޢުވާގެ މި ދެންނެވި ތާރީޚީ އަސާސަށް ބަލައިލައި، ތާރީޚީ ގޮތުން ބަލާ އިރު ފަލަސްޠީނުގެ ބިމުގެ ޙައްޤުވެރީންނަކީ ކޮބައިތޯ، މި ސުވާލާ މެދު ވާހަކަ ދައްކައިލަމާ ހިންގަވާށެވެ.
ކަންޢާނީން
"ފަލަސްޠީން" އެވެ މިހާރު ކިޔޭ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރި ވެ، އަލަށް އައްވަލަށް އެ ބިން އާބާދު ކޮށްގެން އެ ބިމުގައި ދިރިއުޅޭން ފެށީ ބަނީ އިސްރާއީލުގެ މީހުންނެއް ނޫނެވެ. ބަނީ އިސްރާއީލުގެ ކާބަފައިން ކަމުގައި ބެލެވޭނެ ބައެއް ވެސް ނޫނެވެ. ނަސްލީ ގޮތުން، ބަނީ އިސްރާއީލުގެ އަޞްލާ އެއްވެސް ތިމާގެކަމެއް، ގުޅުމެއް ހުރި ބައެއް ވެސް ނޫނެވެ. ތާރީޚީ ފަތްފުށްތަކާއި، އާރކިއޮލޮޖިކަލް ހެކިތަކުން ސާބިތު ވާ ގޮތުގައި، މިހާރު "ފަލަސްޠީނޭ" ކިޔޭ ބިން އާބާދު ކުރި، އެ ބިމުގެ އެންމެ ފުރަތަމަ ވަޒަންވެރީންނަކީ "ކަންޢާނީން" ގެ ނަމުން ނަން ދެވުނު ޤަދީމީ ޤައުމެއް ނުވަތަ ޤަބީލާތަކެއްގެ މީހުންނެވެ.
ކަންޢާނީންނަކީ ކޮން ބައެއް ބާވައެވެ!
ހުޅަނގުގެ މުއައްރިޚުންގެ ނަޒަރުގައި، ކަންޢާނީންނަކީ ނޫޙްގެފާނުގެ ދަރިކަލުން ޙާމްގެފާނުގެ ދަރިކަލުން ކަންޢާންގެ ދަރިފަސްކޮޅެވެ. ނަމަވެސް އިބްނު އިސްޙާޤާއި، އިމާމް އަބޫ ޢަބްދުﷲ އަލްޤުރްޠުބީ އާއި، އިމާމް މުޙައްމަދު ބިން ޖަރީރު އައްޠަބަރީ އާއި، ތާރީޚް ޢިލްމުގެ ބައްޕަ ކަމަށް ވާ އިބްނު ޚަލްދޫން ފަދަ މުސްލިމް ޢިލްމުވެރީންލިޔުއްވައިފައި ވާ ގޮތުގައި، ކަންޢާނަކީ ނޫޙްގެފާނުގެ ދަރިކަލުން ސާމްގެފާނުގެ ބޭފުޅެކެވެ. އޭނާއަކީ ނޫޙްގެފާނުގެ ދަރިކަލުން ޙާމްގެފާނުގެ ބޭފުޅެއް ކަމަށް ހިބްރޫ ބައިބްލްގައި އޮންނަ އޮތުމަކީ ގޯހެކެވެ. އެހެންކަމުން، ކަންޢާނީންނަކީ ނޫޙްގެފާނުގެ ސާމްގެފާނުގެ ކަންޢާނުގެ ދަރިފަސްކޮޅެވެ. މުސްލިމް ޢިލްމުވެރީންގެ ރައުޔަށް އޮތް އެންމެ ވަރުގަދަ އެއް ހެއްކަކީ، ކަންޢާނީ ބަހަކީ ސާމީ ބަހެއް ކަމުގެ ފެންނާން އޮތް ޙަޤީޤަތެވެ.
ކަންޢާނީ ދަރިކޮޅުގެ ޤަބީލާތައް ފައުޅު ވެގެން އައީ ޢަރަބި ކަރައިގެ ދެކުނުން ފެށިގެން ޝާމުގެ އުތުރު ސަރަޙައްދުތަކާ ދެމެދުގައި އޮތް ބިންތަކުގައެވެ. ފަހުގެ ދައުރުތަކުގައި، ކަންޢާނީ ޤަބީލާތަކުގެ ޝަހަރުތަކާއި ރަސްކަންތައް ޖަމާ ވީޝާމުގެ ބިމަށް، މިހާރުގެ ސީރިޔާ އާއި ލުބްނާނާއި ފަލަސްޠީނުގެ ސަރަޙައްދުތަކަށެވެ. ކަންޢާނީ ޙަޟާރަތު އޮތީ ވަކިވަކި ޝަހަރީ ދައުލަތްތަކެއްގެ ގޮތުގައި، ނުވަތަ ކުދިކުދި ރަސްކަންތަކެއްގެ ގޮތުގައެވެ. އައިލީން ބީޓީ، 1957 ވަނަ އަހަރު ޝާއިޢު ކުރެވުނު އޭނާގެ "އެރެބް އެންޑް ޖޫވ އިން ދަ ލޭންޑް އޮފް ކަނާން" މި ފޮތުގައި ބަޔާން ކުރައްވައިފައި ވާ ފަދައިން، އެ ހުރިހާ ޤަބީލާތަކަކީ ވެސް އަދި ޝަހަރީ ދައުލަތްތަކަކީ ވެސް އަދި ރަސްކަންތަކަކީ ވެސް ކަންޢާނީ ޤައުމަށް ނިސްބަތް ވާ މީހުންނެވެ.
މިހާރު އަޅުގަނޑުމެން ސީރިޔާ، ފަލަސްޠީން މި ނަންތަކުން މި ފާހަގަ ކުރާ ބިންތައް،ޤަދީމީ ދުނިޔޭގައިއޮތީ ވެސް "ކަންޢާނީންގެ ބިން" ނުވަތަ "ކަންޢާން" ގެ ގޮތުގައެވެ. ވީމާ، މިހާރުގެ ފަލަސްޠީނުގެ ސަރަޙައްދަށް ތާރީޚީ ގޮތުން ކިޔުނު އެންމެ ފުރަތަމަ ނަމެއް ކަމަށް ފެންނާން އޮތީ ވެސް "ކަންޢާން" މި ނަމެވެ. އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި "ކަނާން" މި ސުރުޚީގެ ދަށުން ލިޔެފައި ވާ ލިޔުމުގައި ބުނެފައި ވާ ގޮތުން، 1500 މކ. އާ ހަމަޔަށް އައި އިރު، މެސޮޕޮޓޭމިޔާގެ "ކުނެއިފޯރމް" ލިޔުންތަކުގައްޔާއި، މިޞްރީ "ހިއެރޯގްލިފް" ލިޔުންތަކުގައްޔާއި، ފީނީޤީންގެ ލިޔުންތަކުގައި ވެސް ފަލަސްޠީނާއި ސީރިޔާގެ ބިމަށް ކިޔައިފައި ހުރީ "ކަންޢާން" އަދި "ކަންޢާނީންގެ ބިން" މި ނަންތަކެވެ. ހިބްރޫ ބައިބްލްގައި ވެސް، އެ ހިސާބުގަނޑަށް ކިޔައިފައި ވާ ނަމަކީ ކަންޢާނެވެ.
ކަންޢާނުގެ ބިމުގައި ކަންޢާނީން ބިނާ ކުރި ޙަޟާރަތުގެ އެންމެ މަޝްހޫރު ޝަހަރަކީ "ޖެރޫސަލަމް" އެވެ. ކަންޢާނީން އެ ޝަހަރު ބިނާ ކުރި އިރު، ބަނީ އިސްރާއީލު ވުޖޫދަކަށް ވެސް ނާދެއެވެ. ފަހުގެ ދިރާސާތަކުން ސާބިތު ކުރެވިފައި ވާ ފަދައިން، ބަނީ އިސްރާއީލްގެ "މުނިކާފައިކަލުން" އިބްރާހީމް ޢަލައިހިއް ޞަލާތު ވައްސަލާމް ޢިރާޤު ދޫ ކުރައްވައި ފަލަސްޠީނަށް އެންމެ ފުރަތަމަ ފަހަރަށް ވަޑައިގަތް އިރު ވެސް، ކަންޢާނީ ޖެރޫސަލަމަކީ ބޮޑު އާބާދީއެއް އޮތް، ބިޔަ ޝަހަރެކެވެ. ވަރުގަދަ ވަށައި ފާރެއްގެ ޙިމާޔަތުގައި އޮތް ޝަހަރެކެވެ. އެއިރުވެސް އެއީ ޝަހަރަށް ފެން ފޯރު ކޮށްދޭ ނުހަނު ފުރިހަމަ ނިޒާމެއް އޮތް، ބާޒާރުތަކާއި ތަނަވަސް މަގުތަކާއި ވަރުގަދަ ޢިމާރާތްތަކާ އެކު، ޢުމްރާނީ ގޮތުން އެއިރުގެ ދުނިޔޭގެ އެންމެ ކުރި އަރައިފައި އޮތް އެއް ޝަހަރެވެ.
1990 ވަނަ އަހަރު ޝާއިޢު ކުރެވުނު "ދެއަރ ޕްރޮމިސްޑް ލޭންޑް" މި ފޮތުގައި، މާރސިއާ ކުންސްޓެލާއި ޖޯސެފް އޯލްބްރައިޓް ލިޔުއްވާ ގޮތުގައި، ކަންޢާނީން މިހާރުގެ ފަލަސްޠީނުގެ ބިމުގައި އެބައިމީހުންގެ ޙަޟާރަތް ފެށީ، 3000 މކ.ގައެވެ. މެސޮޕޮޓޭމިޔާގެ ސޫމާރީ ޙަޟާރަތުގެ ޢުމުރުން މަދުވެގެން 1000 އަހަރު ފާއިތު ވެގެން ދިޔަ ފަހުންނެވެ. މިޞުރުގެ ޤަދީމީ ޙަޟާރަތުގެ ޢުމުރުން 100 ވަރަކަށް އަހަރު ވީ ފަހުންނެވެ.
ކަންޢާނީންގެ ޙަޟާރަތުކަންޢާނީންގެ އަމިއްލަ، އަދި އެމީހުންގެ ސިޔާދަތީ ބާރުގެ ދަށުގައި އޮތް ޙަޟާރަތެއްގެ ގޮތުގައި، 1700 އަހަރުގެ ދިގު ޒަމާނެއް ވާންދެން ދެމިއޮތެވެ. މި ދެންނެވި މުއްދަތުގެ ތެރޭގައި، ކައިރި ހިސާބުހިސާބުގައި، ދޭތެރެދޭތެރެއިން ހިން ދަމައިލާ ގަދަފަދަ ބާރުތަކުން، ކަންޢާނީންގެ ބިންތަކާއި ޝަހަރުތަކުގެ މައްޗަށް އެކިއެކި ދައުރުތަކުގައި ޙަމަލާ ދީ، އެ ތަންތަނުގެ މައްޗަށް ބާރު ނުފޯރުވައެއް ނޫނެވެ. ޢާމޫރީންނާއި ޙިއްޠީންނާއި މިޞްރީން ފަދަ ޤައުމުތައް ވަނީ ޤަދީމީ ތާރީޚުގެ އެކިއެކި ދައުރުތަކުގައި ކަންޢާނީންގެ ބިމުގެ އެކިއެކި ސަރަޙައްދުތަކާއި ހިސާބުތަކާއި ޝަހަރުތަކަށް އަރައި،އެ ތަންތަނަށްބާރާއި ނުފޫޒު ފޯރުވައިފައެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް ބަޔަކަށް، ކަންޢާނީންގެ ބިމުގެ "ކަންޢާނީވަންތަކަމާއި" ކަންޢާނީ "އައިޑެންޓިޓީ" ނިމުމަކަށް ގެނެވިފައެއް ނުވެއެވެ. ދާއިމީ ސިފައެއްގައި، ކަންޢާނީ ޙަޟާރަތާއި ބާރު މަރައިލެވިފައެއް ވެސް ނުވެއެވެ.
ޓޭރާ ނަލިއަސް
އިސް ވެދިޔަ ބަޔާނުން އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، މިހައިރުގެ ފަލަސްޠީނުގެ ބިން "ޓޭރާ ނަލިއަސް" ނުވަތަ "އާބާދު ނުވާ ނުވަތަ ބަޔަކަށް މިލްކު ވެގެން ނުވާ ބިމެއްގެ" ޙާލަތުގައި އޮއްވައި، އެ ބިމަށް އައިސް އަލަށް އައްވަލަށް އެ ބިން އާބާދު ކޮށްގެން، އެ ބިމުގައި އުޅޭން ފެށީ ކަންޢާނީން ކަމެވެ. ބައިނަލްއަޤްވާމީ ޤާނޫނު ބުނާ ގޮތުގައި، ބިމެއްގެ މައްޗަށް އެއްވެސް ބަޔަކަށް މިލްކުވެރިކަމުގެ ޙައްޤު ލިބޭ އެންމެ ވަރުގަދަ އަސާސަކީ، "ޓޭރާ ނަލިއަސް" ގެ ޙާލަތުގައި އެ ބިމެއް އޮއްވައި، އެ ބަޔަކު އެ ބިން އާބާދު ކުރުމެވެ. އެހެންކަމުން، ފަލަސްޠީނުގެ ބިމުގެ ތާރީޚީ މިލްކުވެރީންނަކީ ކަންޢާނީންނެވެ. ކަންޢާނީންގެ ދަރިފަސްކޮޅެވެ. އެ ދަރިފަސްކޮޅު، ފަހުން އެހެން ޤަބީލާތަކާއި ޖަމާޢަތްތަކާ ކައިވަނީގެ ގޮތުން ގުޅި، އައު އައިޑެންޓިޓީއެއް އުފެދިގެން އަޔަސް، އެއުރެން އެ ބިން ދޫކޮށްލައި އެހެން ތަނަކަށް ނުދާހައި ހިނދަކު، އެ ބިމުގެ މައްޗަށް އެންމެ ޙައްޤުކަން ބޮޑު ބަޔަކަށް ވާނީ އެއުރެންނެވެ.
މި ލިޔުމުގައި އަންނަނިވި ބައިތަކުގައި ދެންނެވިފައި ވާނޭ ފަދައިން، ފަލަސްޠީނުގެ އަޞްލު ވަޒަންވެރީން ކަމުގައި ވި ކަންޢާނީން ދުވަހަކުވެސް އެ ބިން ދޫކޮށްލައި، އެހެން ތަނަކަށެއް ނުދެއެވެ. އެ ބިމަކުން އެމީހުން ހުހެއް ނުވެއެވެ. ފަހުން އެ ބިމަށް އައި އެކިއެކި ޤައުމުތަކާ އެމީހުންނާ މިލި، ޒަމާނާ އެކު ދީނާއި ސަގާފަތާއި ބަހަށް އައި ބަދަލުތަކާ އެކު އެމީހުންގެ އައިޑެންޓިޓީއަށް ބަދަލު އައިސްފައި ވިޔަސް، އެމީހުންނަކީ ކަންޢާނީންގެ ދަރިފަސްކޮޅެވެ. ކަންޢާނީންގެ ވާރިޘުންނެވެ.
ބަނީ އިސްރާއީލް
ބަނީ އިސްރާއީލްގެ އަޞްލަކީ ނަބީރަސޫލުންނަށް ބަފައިކަލުނަވި، މާތް ސާހިބާ އިބްރާހީމް ޢަލައިހިއް ޞަލާތު ވައްސަލާމެވެ. އެކަލޭގެފާނަކީ ކަންޢާނީއެއް ނޫނެވެ. ޢިރާޤުގެ ބޭފުޅެކެވެ. ޢިރާޤުން ނުކުމެވަޑައިގެން، ފުރާތު ކޯރު ހުރަސް ކުރައްވައި، ކަންޢާނުގެ ސަރަޙައްދަށް ވަޑައިގަތް "އަބީރޫ" ނުވަތަ "ހަޕީރޫ" ނުވަތަ "ޢިބްރީ" ނުވަތަ "ހިބްރޫ" އެކެވެ.
ތާރީޚަށް ބަލާ އިރު، އިބްރާހީމްގެފާނު ޢިރާޤު ދޫ ކުރައްވައި ކަންޢާނަށް ވަޑައިގަތީ ކަންޢާނީން އެ ބިމުގައި އުޅޭތާ 1000 އަހަރާއި 1300 އަހަރާ ދެމެދުގެ މުއްދަތެއް ފާއިތު ވި ފަހުންނެވެ. އިބްރާހީމްގެފާނު ވަޒަންވެރި ވެވަޑައިގަތީ ޙިބްރޫން ނުވަތަ ހަބްރޫންގައެވެ. އެކަލޭގެފާނުގެ ދެ ދަރިކަލުން އިސްމާޢީލްގެފާނާއި އިސްޙާޤްގެފާނު ވެސް، އަދި އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢްޤޫބުގެފާނު (ޢަލައިހިމުއް ޞަލާތު ވައްސަލާމް) ވެސް އުފަން ވެވަޑައިގަތީ ހަބްރޫނުގައި އެކަލޭގެފާނު ވަޒަންވެރި ވެވަޑައިގަތް ފަހުންނެވެ. ޔަޢްޤޫބުގެފާނުގެ 12 ފިރިހެން ބޭފުޅުން އުފަން ވެވަޑައިގަތީ ވެސް ކަންޢާނުގައި، ހަބްރޫން ނުވަތަ ހަބްރޫނާ ކައިރި ސަރަޙައްދުތަކުގައެވެ.
"އިސްރާއީލް" މިއީ ޔަޢްޤޫބް ޢަލައިހިއް ޞަލާތު ވައްސަލާމްގެ ނަންފުޅެކެވެ. "ބަނީ އިސްރާއީލް" ގެ މާނަ އަކީ "އިސްރާއީލުގެ ދަރިފަސްކޮޅު" މިއެވެ. ބަނޫ އިސްރާއީލް ނިސްބަތް ވަނީ ޔަޢްޤޫބްގެފާނަށެވެ. އެއީ އެކަލޭގެފާނުގެ 12 ބޭފުޅުންގެ ދަރިފަސްކޮޅެވެ. ބަނީ އިސްރާއީލް ވަކި ޖަމާޢަތެއްގެ ގޮތުގައި ވުޖޫދަށް އައިސް، ނަސްލީ ޖަމާޢަތެއްގެ ސިފަ އިޚްތިޔާރު ކުރީ ޔަޢްޤޫބުގެފާނުގެ ޙަޔާތްޕުޅުގައެއް ނޫނެވެ. ބަނީ އިސްރާއީލް ވަކި ނަސްލެއްގެ ގޮތުގައި ފާޅު ވީ ކަންޢާނުގައެއް ވެސް ނޫނެވެ. ބަނީ އިސްރާއީލުގެ ނަސްލުގެ ފެށުން ކަމަށް ވާ، ޔަޢްޤޫބުގެފާނުގެ ޢާއިލާ ކަންޢާން ދޫކޮށްލައްވައި، ދާއިމަށް އެހެން ތަނަކަށް ވަޑައިގަތީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެބޭފުޅުންގެ އަމިއްލަފުޅު އިޚްތިޔާރުގައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، ޔަޢްޤޫބުގެފާނުގެ ދޮށީ 10 ފިރިހެން ބޭފުޅުން، އެބޭފުޅުން އެބޭފުޅުންގެ ތުއްޕުޅު ކޮއްކޯފުޅު، އަދި ޔަޢްޤޫބުގެފާނު އެންމެ ލޯބިފުޅު ވާ ދަރިކަލުން ޔޫސުފް ޢަލައިހިއް ޞަލާތު ވައްސަލާމް ގެންގޮސް ސަހަރާގެ ތެރޭގައި ހުރި ވަޅަކަށް ވައްޓައިލިއެވެ. އެ ވަޅުން އެކަލޭގެފާނު ނަގައިގެން، މިޞުރަށް ގެންގޮސް "ކަންޢާނީ އަޅުކުއްޖެއް" ގެ ގޮތުގައި މިޞުރަށް ވިއްކައިލީ ޢަމާލިޤުންގެ ވިޔަފާރިވެރި ޤާފިލާއެއްގެ މީހުންނެވެ. މި ޖަރީމާއަށް ފަހު، މާތްރަސްކަލާނގެ ތަޤްދީރުފުޅުގައި އޮތް ގޮތަށް ކަންކަން ނިއުޅެމުން ގޮސް، ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ ރިވެތި ދާސްތާން ޚާތިމާޔާ ހަމަޔަށް ދިޔައީ، އެކަލޭގެފާނަށް މިޞުރުގެ ޙުކްސޫސީ ރަސްކަމުގެ އެންމެ ބާރުގަދަ ޢިއްޒަތްތެރީންގެ ސަފުންޖާގަ ލިބިވަޑައިގަތް ހިސާބުންނެވެ.
ޔޫސުފްގެފާނު ހެޔޮ ޙާލުކޮޅުގައި، މިޞްރުގައި އުޅުއްވާ ކަން އެނގިވަޑައިގަތުމުން، ޔަޢްޤޫބުގެފާނު ކަންޢާން ދޫކުރައްވައި، އެކަލޭގެފާނުގެ އަރިއަހަށް މިޞްރަށް ވަޑައިގަތެވެ. އެކަލޭގެފާނު މިޞްރަށް ވަޑައިގަތީ، 11 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެއްގެ އިތުރުން، އަޅުންނާއި އަހުލުންނާ އެކު ޖުމުލަ 70 ވަރަކަށް މީހުންގެ ޤާފިލާއެއްގައެވެ.
ޔަޢްޤޫބްގެފާނާއި އެކަލޭގެފާނުގެ ޢާއިލާ މިޞްރަށް ވަޑައިގެން، ޔޫސުފްގެފާނުގެ އަރިހުގައި، އުޅުއްވީ ވަރަށް ތަނަވަސް ދިރިއުޅުއްވުމެކެވެ. އެބޭފުޅުން އުޅުއްވީ މިޞްރުގެ އިރުއުތުރުގައި އޮންނަ، "ގުޝިން" އެވެ ކިޔުނު ޝަހަރުގައެވެ. މި ޝަހަރުގައި، ޔަޢްޤޫބްގެފާނުގެ ބޭބޭފުޅުންނަށް ބޭފުޅުން ލިބިވަޑައިގެން، އެ ބޭބޭފުޅުންނަށް ވެސް ބޭފުޅުން ލިބިވަޑައިގަތެވެ. އެހެންކަމުން، "ބަނީ އިސްރާއީލް" ވުޖޫދަށް އައިސް، އެ ޢާއިލާ ވަކި ޤަބީލާއެއްގެ ގޮތުގައި ފުރިހަމަ ވެގެން ދިޔައީ މިޞުރުގައެވެ.ޔަޢްޤޫބްގެފާނާއި ޔޫސުފްގެފާނު އަވަހާރަ ވުމަށް ފަހުގައި ވެސް، ބަނީ އިސްރާއީލުގެ މީސްތަކުން މިޞުރުގެ ޙުކްސޫސީ ރަސްކަމުގެ ޢިއްޒަތްތެރި ޚާދިމުންތަކެއްގެ ގޮތުގައި މިޞްރުގައި ދިރިއުޅުނެވެ. ބަނީ އިސްރާއީލުގެ ނަޞީބުގެ ތަރި އޮއްސުނީ، ޙުކްސޫސުންގެ އަތްމަތީން މިޞްރުގެ ވެރިކަން ބީ ވެ، މިޞްރު މީހުންގެ އަތްމައްޗަށް އަނެއްކާވެސް ރަސްކަން ދިޔުމާ ގުޅިގެން، 1550 މކ. ގައެވެ.
ބަނޫ އިސްރާއީލަކީ ބޭރުން އަރައި ތިބި ބިދޭސީ ޤަބީލާޔަކަށް ވުމާއި، އެއުރެންނަކީ މިޞްރުގެ ވަޘަނިއްޔަތާ ޚިލާފަށް އެއްކައުވަންތަ އިލާހަކަށް އީމާން ވާ ބަޔަކަށް ވުމާއި، އަދި ޙުކްސޫސުންގެ ވަފާތެރި ޚާދިމުންތަކަކަށް ވުމީ، މިޞުރު މީހުން ބަނީ އިސްރާއީލާ މެދު ދުޝްމަންކަމުގެ ލޮލުން ބެލި ސަބަބުތަކެވެ. މި ދުޝްމަންކަމުގެ ދައުރާނަ ފުރިހަމަ ވެގެން ދިޔައީ، ފިރްޢައުނީ ރަސްކަމުގެ އަޅުންތަކެއްގެ ދަރަޖަޔަށް ބަނީ އިސްރާއީލުން ވެއްޓިގެން ދިޔުމާ ހަމައިންނެވެ. އަޅުވެތިކަމުގައި، ނުހަނު ބޮޑު އަނިޔާ ލިބޭ ބައެއްގެ ގޮތުގައި ފިރްޢައުނުންގެ ބާރުގެ ދަށުގައި 200 ވަރަކަށް އަހަރު ވާންދެން ބަނީ އިސްރާއީލުން ތިއްބެވެ. އެމީހުން ނަޖާ ކުރެއްވީ، 1350 މކ. ގައި، މޫސާ ޢަލައިހިއް ޞަލާތު ވައްސަލާމްގެ އަތްޕުޅުމަތީގައެވެ.
މޫސާގެފާނުގެ ދުވަސްވަރު، މާތްރަސްކަލާނގެ ބަނީ އިސްރާއީލްގެ މީހުން ފިރްޢައުނުގެ ކިބައިން ސަލާމަތް ކުރައްވައި، ސައިނާގެ ސަހަރާއަށް ގެންދެވިއެވެ. އަދި ކަންޢާނުގެ ބިމަށް އަރައި، ކަންޢާނީންނާ ހަނގުރާމަ ކޮށްގެން އެ ބިން ފަތަޙަ ކުރުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް މި އަމުރުފުޅަށް އެއުރެން ރައްދު ދިނީ "ކަންޢާނީންނަކީ ހަށިތައް މާ ބޮޑެތި، މާ ވަރުގަދަ ބައެކޭ، އެމީހުންގެ ގާތުގައި އަޅުގަނޑުމެންނަކީ މަސްކާށިދޫނިތަކެއް ފަދަ ބައެކޭ، އެމީހުންގެ ޝަހަރުތައް ހުންނަނީ ވަށައިގެން ވަރުގަދަ ފާރުތައް ލައިފަޔޭ، އަޅުގަނޑުމެންނަކަށް ހަނގުރާމަ ކޮށްގެން އެމީހުން ބައްޔެއް ނުކުރެވޭނެޔޭ" (ހިބްރޫ ބައިބްލްގެ "ނަމްބަރޒް" ފޮތުގެ 28 ވަނަ އާޔަތާއި 31 ވަނަ އާޔަތާއި 33 ވަނަ އާޔަތް)، އަދި "އޭ މޫސާގެފާނޭ، ކަލޭގެފާނާއި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ވަޑައިގެން އެމީހުންނާ ހަނގުރާމަ ކުރައްވާށޭ، އަޅުގަނޑުމެން މި ތަނުގައި އިށީނދެލައިގެން ކުޅި ބަލާން ތިބޭނަމޭ" (ކީރިތި ޤުރްއާނުގެ ސޫރަތުލް މާއިދާގެ 24 ވަނަ އާޔަތް) މިފަދަ ނުކިއްސަރު، ނޭއްގާނި، ކުފުރުވެރި ބަސްތަކުންނެވެ.
މި ބޯހަރުކަމުގެ އަދަބެއްގެ ގޮތުން، މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް 40 އަހަރުގެ މުއްދަތަށް ކަންޢާނުގެ ބިން ޙަރާމް ކުރެއްވިއެވެ. އެއަށްފަހު40 އަހަރު ވާންދެންއެއުރެން އުޅުނީ ވަކި މަންޒިލެއްގައި އާބާދު ނުވެވި، ސައިނާގެ ސަހަރާގައި ބަދަވީންތަކެއްގެ ޙާލަތުގައެވެ. 40 އަހަރަށް ފަހު، ބަނީ އިސްރާއީލުން ކަންޢާނުގެ ބިމަށް އަރައި ކަންޢާނީންނާ ހަނގުރާމަ ކޮށް އެ ބިމުގެ ބައެއް ސަރަޙައްދުތައް ފަތަޙަ ކުރިއެވެ. އެއީ ޔޫޝަޢް ބިން ނޫންގެ ޤިޔާދަތުގައެވެ. 1300 މކ. ގައެވެ.
ކަންޢާނީންގެ ބާރު ނެތިދިޔުން
ކަންޢާނީންގެ ބާރު އެބައިމީހުންގެ ބިމުން ނެތިގޮސް، އެ ބިމުގެ ނަން ވެސް "ކަންޢާން" ފިޔަވައި އެހެން ނަމަކަށް ބަދަލު ވެގެން ދިޔައީ، ބަނީ އިސްރާއީލުން ކަންޢާނަށް އަރައި، އެ ބިމުގެ ބައެއް ތަންތަން ފަތަޙަ ކުރި ހިސާބުން ފެށިގެން ދެން ފާއިތު ވި 300 ވަރަކަށް އަހަރުގެ މުއްދަތުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ކަންޢާނުގެ ތާރީޚުގެ މިޞްރާބު ބަދަލު ވެގެން ދިޔައެވެ. 1700 އަހަރަށް ފަހު، ކަންޢާނުގެ ބިމުގެ އައިޑެންޓިޓީ ބަދަލު ވެގެން ދިޔައެވެ.
ކަންޢާނުގެ ބައެއް ސަރަޙައްދުތައް ބަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގޮސް، ކަންޢާނީންނާއި ބަނީ އިސްރާއީލުންނާ ދެމެދުގައި ހަނގުރާމަތައް ހިނގަމުން ދަނިކޮށް، 1150 މކ. ގައި، މުޅީން އައު ބަޔަކު ކަންޢާނުގެ މެޑިޓަރޭނިއަން އައްސޭރިއަށް ފައިބައި، އެ ސަރަޙައްދުގައި އަމިއްލަ ވެރިކަމެއް އުފެއްދިއެވެ. އެއީ "އެއިޖިން" ކަނޑުގެ "ކްރީޓް" ޖަޒީރާ ދޫކޮށްފައި (އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ) ކަންޢާނަށް އައި ޤަބީލާއެއްގެ ބައެކެވެ. އެ ޤަބީލާގެ ނަމަކަށް ގްރީކް ބަހުން ކިޔައިފައި ވަނީ "ފިލިސްޓިންސް" މި ނަމެވެ. "ފިލަސްޠީން" ނުވަތަ "ފަލަސްޠީން" މި ނަމުގެ އަޞްލަކީ "ފިލިސްޓިންސް" މިއެވެ. މިހާރުގެ ޣައްޒާއިން ފެށިގެން ޠައްލު އަބީބާ ހަމަޔަށް އޮންނަ އައްސޭރި ސަރަޙައްދުގައި ވަޒަންވެރި ވި ފިލިސްޓިން ޤަބީލާގެ އެކި ޖަމާޢަތްތަކުގެ މީހުން ދާދި ކުރު މުއްދަތެއްގެ ތެރޭގައި ކަންޢާނުގެ އެހެން ބައެއް ސަރަޙައްދުތަކަށް ފެތުރި، ކަންޢާނީ ބައެއް އަވަށްތަކާއި ޝަހަރުތައް ފަތަޙަ ކޮށް، ކަންޢާނުގެ ބިމުގެ ސިޔާދަތަށް ވާދަ ކުރާ ވަރުގަދަ ބާރަކަށް ވެގެން ދިޔައެވެ.
ކަންޢާނުގެ ބިމަށް ބާރު ފޯރުވުމަށް ކަންޢާނީންނާއި ބަނީ އިސްރާއީލުންނާއި ފިލިސްޓިން މީހުން ކުރަމުން ދިޔަ ހަނގުރާމަތަކުގައި، މާތްރަސްކަލާނގެ ރަޙްމަތްޕުޅާއި މަދަދާ އެކު، ކާމިޔާބު ލިބުނީ ބަނީ އިސްރާއީލުންނަށެވެ. 1020 މކ. ގައި، ބަނީ އިސްރާއީލުން އެއުރެންގެ ޝަހަރުތަކާއި އަވަށްތައް އެއް ވަލަކަށް މަހައިލައި، ވަރުގަދަ ރަސްކަމެއްގެ ބިންގާ އެޅިއެވެ. އެ ރަސްކަމުގެ ފުރަތަމަ ރަސްކަލަކީ ޠާލޫތު ޢަލައިހިއް ސަލާމެވެ. ދެވަނަ ރަސްކަލަކީ ޠާލޫތުގެ ދަރިކަލުން އިޝްބާލް ބިން ޠާލޫތެވެ. އެއަށްފަހު ތަޚްތުގައި އިށީދެވަޑައިގަތީ ދާއޫދު ޢަލައިހިއް ޞަލާތު ވައްސަލާމެވެ. ދާއޫދުގެފާނުގެ ދައުރުގައި، ކަންޢާނީންގެ ތެރެއިން ބަނީ އިސްރާއީލުގެ ކިޔަމަނުގެ ދަށަށް ނައިސް ހުރި ސަރަޙައްދުތައް ވެސް ފަތަޙަ ކުރެއްވިއެވެ. ކަންޢާނީންގެ ޤަބީލާއެއް ކަމަށް ވާ ޔާބޫސީން ބަލި ކުރައްވައި، "ޖެރޫސަލަމް" ބަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންނަވައި، އެ ޝަހަރުގައި ބަނީ އިސްރާއީލުގެ ރަސްކަމުގެ މަޤާމް ޤާއިމު ކުރެއްވީ ވެސް، 1003 މކ. ގައި، ދާއޫދުގެފާނެވެ.
މި ހިސާބަށް ދިޔަ އިރު، ކަންޢާނުގެ ބިމުގައި، ކަންޢާނީން ތިބީ ބަނީ އިސްރާއީލުގެ ދައުލަތެއްގެ ރައްޔިތުންނަށް ވެފައެވެ. އެ ހިސާބުން "ކަންޢާން" މި ނަން ވެސް މާޒީއާ އެކު ވެ، އެ ބިމަކީ "އިސްރާއީލުގެ ފުރަތަމަ މުލޫކިއްޔާ" ގެ ސަރަޙައްދު ނުވަތަ "އިސްރާއީލް" ކަމަށް ވެގެން ދިޔައެވެ. ދާއޫދުގެފާނަށް ފަހު، އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާން ޢަލައިހިއް ޞަލާތު ވައްސަލާމް، ބަނީ އިސްރާއީލުގެ ރަސްކަން އިތުރަށް ވަރުގަދަ ކުރައްވައި ފުޅާ ކުރެއްވިއެވެ.
ކަންޢާނީންނަށް ވީ ކިހިނެއް؟
ކަންޢާނުގެބިމުގައި "އިސްރާއީލުގެ ފުރަތަމަ މުލޫކިއްޔާ" އުފެދި، އެ ބިމުގެ ނަން "އިސްރާއީލް" އަށް ބަދަލު ވުމަށް ފަހަކު ވެސް، ކަންޢާނީން އެ ބިމަކުން ބޭރެއް ނުވެއެވެ. ބަނީ އިސްރާއީލުގެ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި، އެ ބިމުގައި އެބައިމީހުން ތިއްބެވެ. އެކަން ޚުދު ހިބްރޫ ބައިބްލްއިން ވެސް އެނގެއެވެ.
ކަންޢާނަށް އަރައި އެ ބިން ފަތަޙަ ކުރި ބަނީ އިސްރާއީލުގެ ޖަމާޢަތުގެ މުޅި ޖުމުލަ ޢަދަދަކީ އެންމެ ގިނަ ވެގެން ވެސް، 200000 ވަރަކަށް މީހުންނެވެ. އެއިރު، ކަންޢާނީންގެ އާބާދީ ގުނޭނީ މިލިއަނުން ކަމަށް ތާރީޚީ ހެކިތައްބުނެއެވެ. މި ބޮޑު އާބާދީ ބަނީ އިސްރާއީލުގެ ޢަސްކަރީ ބާރުގެ ދަށަށް އައުމަށް ފަހު، އެމީހުން މަރައި ހުސް ކުރައްވާކަށް، ނުވަތަ ގަދަކަމުން އެމީހުންގެ ދީނާއި ޘަޤާފަތާއި އައިޑެންޓިޓީ ނެއްތައިލައްވާކަށް ބަނީ އިސްރާއީލީ ނަބީންނާއި ލީޑަރުން މަސައްކަތެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ؟ ކަންޢާނީންނާއި ބަނީ އިސްރާއީލުންނާ ދެމެދުގައި އާޚިރުގައި ޞުލްޙަވެރިކަން ޤާއިމު ވެ، ދެބައިމީހުންގެ ދެމެދުގައި ކައިވަނީގެ ގުޅުންތައް ވެސް ހިނގައިފައި ވެއެވެ. އެގޮތުން ފެންނާން އޮތް މީގެ އެންމެ މަޝްހޫރު މިސާލަކީ ދާއޫދު ނަބީ ކަލޭގެފާނާއި، ކަންޢާނީ އަންހެން ބޭފުޅެއް ކަމަށް ވާ "ބިންތު ޝަބާ" ގެ ކައިވަނިފުޅެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ސުލައިމާން ނަބީ ކަލޭގެފާނަކީ މި ކައިވަނިފުޅުން ދާއޫދުގެފާނަށް ލިބިވަޑައިގަތް ދަރިކަލެކެވެ.
ކަންޢާނީންގެ އިތުރުން، ފިލިސްޓިން ޤަބީލާގެ ޖަމާޢަތްތައް ވެސް، ދާއޫދު ނަބީ ކަލޭގެފާނާއި ސުލައިމާން ނަބީ ކަލޭގެފާނުގެ ދައުލަތުގެ ރައްޔިތުން ކަމަށް ވެގެން ދިޔައެވެ. އެމީހުންނާއި ކަންޢާނީންނާ ދެމެދުގައި ވެސް ކައިވަނީގެ ގުޅުންތައް ހިނގައި، ޤަރުނުތަކެއްގެ ތެރޭގައި، ދެބައިމީހުން ވަކި ކުރުން އުނދަގޫ ވާ މިންވަރަށް އެ ދެ ނަސްލު ވެސް ގުޅި އެކުލެވިގެން ދިޔައެވެ. ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ކުރީން ކަންޢާނުގެ ބިމަށް އަރައި، ވަޒަންވެރި ވެގެން އުޅުނު ޢާމޫރީންނާއި ޙިއްޠީންގެ ބައެއް ޖަމާޢަތްތައް ވެސް، ބަނީ އިސްރާއީލުގެ ދައުލަތުގެ ތެރޭގައި ޝާމިލު ވި ކަމެވެ. މިހާރުގެ ފަލަސްޠީނީންގެ އެންމެ ޤަދީމީ އަޞްލަކީ މި ދަންނަވާ ހުރިހާ ޖަމާޢަތްތަކެއް ގުޅިގެން، އުފެދިގެން ދިޔަ ފަލަސްޠީނަށް "ނޭޓިވް"އާބާދީއެވެ.
ފުރަތަމަ މުލޫކިއްޔާގެ ފަހުގެ ތާރީޚް
ސުލައިމާން ނަބީ ކަލޭގެފާނު އަވަހާރަ ވުމަށް ފަހު، 931 މކ. ގައި، "އިސްރާއީލުގެ ފުރަތަމަ މުލޫކިއްޔާ" ބައިބައި ވިއެވެ. ދައުލަތުގެ އުތުރުގެ ސަރަޙައްދު ވެގެން ދިޔައީ "މުލޫކިއްޔަތުލް އިސްރާއީލް" އަށެވެ. އެ ބައިގައި ތިބީ ބަނީ އިސްރާއީލުގެ 12 ދަރިކޮޅުގެ ތެރެއިން، ޔަހޫޒާގެ ދަރިކޮޅާއި ބިންޔާމީންގެ ދަރިކޮޅު ފިޔަވައި އަނެއް 10 ދަރިކޮޅެވެ. ދެކުނުގެ ސަރަޙައްދު ވެގެން ދިޔައީ "މުލޫކިއްޔަތުލް ޔަހޫޒާ" އަށެވެ. ޖެރޫސަލަމް އޮތީ މި ބައިގައެވެ. މި ބައިގެ އަހުލުވެރީންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ ބަނީ އިސްރާއީލުގެ ނަގާކިޔާ ދަރިކޮޅުގެ ގޮތުގައި އޮތް ޔަހޫޒާ ދަރިކޮޅާއި، ބިންޔާމީންގެ ދަރިކޮޅެވެ.
732 މކ. ގައި، މުލޫކިއްޔަތުލް ޔަހޫޒާގެ ރަސްކަމުގެ ފަރާތުން، އެއިރު ބޮޑުބާރުގެ ގޮތުގައި އޮތް އާޝޫރީންނަށް ޖިޒީ ދޭން އެއްބަސް ވެ، މުލޫކިއްޔަތު އިސްރާއީލާ ދެކޮޅަށް އާޝޫރީންގެ އެހީއަށް އެދުނެވެ. ނަތީޖާއަކީ، އާޝޫރީ ރަސްގެފާނު ތިޣްލާތު ބިލާސިރު ތިންވަނަ އާއި، ފަހުން ސަރްގޫން ދެވަނަ، އެ ބޭފުޅުންގެ ގަދަފަދަ ލަޝްކަރުތަކާއިގެން މުލޫކިއްޔަތުލް އިސްރާއީލަށް އަރައިވަޑައިގެން، އެ ދައުލަތް ސުންނާފަތި ކުރެއްވުމެވެ. 12 ވަރަކަށް އަހަރުގެ ތެރޭގައި، އާޝޫރީން މުޅި މުލޫކިއްޔަތުލް އިސްރާއީލް ފަތަޙަ ކޮށް، އެ ދައުލަތުގެ ސަރަޙައްދުގައި ތިބި ބަނީ އިސްރާއީލުންގެ އެތައް ބަޔަކު މަރައި، އެތައް ބަޔަކު އެތަނުން ނެރެ، މުޅި އެ ހިސާބުން ބަނީ އިސްރާއީލުން ބޭރު ކުރިއެވެ. ޢާޝޫރީންގެ މި ފުތޫޙާތުގެ ތެރޭގައި، މުލޫކިއްޔަތުލް އިސްރާއީލުގައި ދިރިއުޅުނު ބަނީ އިސްރާއީލުގެ 10 ޤަބީލާޔަށް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މަޝްހޫރު "ލޮސްޓް ޓްރައިބްސް އޮފް އިސްރާއީލް" އަކީ އެ 10 ޤަބީލާއެވެ.
މުލޫކިއްޔަތުލް އިސްރާއީލް އާޝޫރީންގެ ޖައްބާރީ ބާރުގެ އަތްތަކުން ފަނާ ވެދިޔުމަށް ފަހު، މުލޫކިއްޔަތުލް ޔަހޫޒާ އާޝޫރީންގެ ޑޯލާ ރަސްކަމެއްގެ ގޮތުގައި އޮތީއެވެ. 605 މކ. ގައި، އާޝޫރީންގެ އަމްބަރާޠޫރިއްޔާ ފުނޑުފުނޑު ވެ، މެދުއިރުމަތީގައި، ބާބިލީންގެ ދެވަނަ ރަސްކަން ފެތުރިގެން ދިޔައެވެ. 586 މކ. ގައި، ބާބިލީންގެ ރަސްގެފާނު ބުޚްތަނައްޞަރްއޭނާގެ ލަޝްކަރާއިގެން މުލޫކިއްޔަތުލް ޔަހޫޒާއަށް އަރައިވަޑައިގެން، އެ ދައުލަތް ސުންނާފަތި ކުރެއްވިއެވެ. ޖެރޫސަލަމް އަތުލައިގަންނަވައި، އެ ޝަހަރުގައި ސުލައިމާން ނަބީ ކަލޭގެފާނު ބިނާ ކުރައްވައިފައި ހުރި މަޝްހޫރު މިސްކިތްކޮޅު، "ހައިކަލް ސުލައިމާން" ބިމާހަމަ ކުރެއްވިއެވެ. އެއަށްފަހު، މުލޫކިއްޔަތުގެ ޔަހޫޒާގެ ލީޑަރުންނާ އެކު، ޔަހޫޒާގެ އެތައް ހާސް ރައްޔިތުންނެއް ވެސް އަޅުންގެ ގޮތުގައި، ބާބިލަށް ގެންދެވުނެވެ. ޔަހޫޒާ އޮތީ ބާބިލްގެ އަޅުވެތިކަމުގެ ދަށުގައި، އެއުރެންގެ އަމްބަރާޠޫރިއްޔާގެ ބައެއްގެ ގޮތުގައެވެ.
ޔޫޝަޢް ބިން ނޫންގެ ޒަމާނުގައި ބިންގާ އެޅުނު ބަނީ އިސްރާއީލުގެ ވެރިކަން މުޅީން ނިމުމަކަށް އައިސް،އެމީހުންގެ ދައުލަތް ނެތިގެން ދިޔައީ މި ދެންނެވި ގޮތުންނެވެ. 586 މކ. މި ތާރީޚުގައެވެ. އޭގެ ފަހުން 1948 މ. ވަނަ އަހަރާ ހަމަޔަށް، ދުވަހަކުވެސް ބަނީ އިސްރާއީލުގެ ނުވަތަ ޔަހޫދީންގެ ދައުލަތެއް ކަމަށް ބެލެވޭ ފަދަ ދައުލަތެއް އެ ބިމުގައި އުފެދިފައެއް ނުވެއެވެ. އެހެންކަމުން، ކަންޢާނީންގެ ބިން އާބާދު ވިތާ ފާއިތު ވެގެން ގޮސްފައި ވާ 5000 އަހަރަށް ވުރެ ދިގު ތާރީޚުގައި، އެ ބިމުގައި 1948 މ. ގެ ކުރީން ބަނީ އިސްރާއީލުގެރަސްކަމެއް ނުވަތަ ދައުލަތެއް ވުޖޫދުގައި އޮވެފައި ވަނީ އެންމެ 434 އަހަރުގެ މުއްދަތަށެވެ.
ފާރިސީންނާއި ޔޫނާނީންގެ ދައުރު
539 މކ. ގައި، މަޝްހޫރު ޚުސްރޫ އަޢުޡަމް އޭނާ ބިންގާ އެޅުއްވި ފާރިސީ އަމްބަރާޠޫރިއްޔާގެ ގަދަފަދަ ލަޝްކަރުތަކާއިގެން ނުކުމެވަޑައިގެން، ބާބިލީން ބަލި ކުރައްވައި ބާބިލީންގެ ވެރިކަމުގެ ބިޔަ ސަރަޙައްދު އެކަށް ފަތަޙަ ކުރައްވިއެވެ. މި ފަތަޙަތަކުގެ ތެރޭގައި، "ޔަހޫޒާ" ގެ ބިން ވެސް ފަތަޙަ ކުރެއްވިއެވެ. އެއަށްފަހު، އޭނާ ޔަހޫދީންނަށް އެނބުރި ޖެރޫސަލަމަށް ދިޔުމުގެ އަމުރުފުޅު ދެއްވައި، ޖެރޫސަލަމުގައި ޔަހޫދީންނަށް އުފަލާއި ތަނަވަސްކަމުގައި ދިރިއުޅެވޭނޭ މަގު ފަހި ކޮށްދެއްވައި، ބާބިލީން ހަލާކު ކޮށްލި ސުލައިމާނުގެފާނުގެ މިސްކިތްކޮޅު ހުރި ތަނުގައި އަލުން މިސްކިތްކޮޅެއް ބިނާ ކޮށްދެއްވުމުގެ މަޝްރޫޢު ވެސް ފެއްޓެވިއެވެ.
ފާރިސީންގެ ދައުރުގައި ބަނީ އިސްރާއީލުން ނުވަތަ ޔަހޫދީން ޔަހޫޒާގައި ދިރިއުޅުނީ އަމިއްލަ ދައުލަތެއްގެ ދަރަޖައިގައެއް ނޫނެވެ. ފާރިސީންގެ ބިޔަ އަމްބަރާޠޫރިއްޔާގެ ބައެއްގެ ގޮތުގައެވެ. އެއިރުވެސް، ކުރީއްސުރެ އެ ބިމުގައި ދިރިއުޅުނު ކަންޢާނީންނާއި ޢާމޫރީންނާއި ޙިއްޠީންނާއި ފިލިސްޓިން ޖަމާޢަތްތަކުގެ މީހުން، ނަސްލީގޮތުން މަޑުމަޑުން ގުޅެމުން، އެއް ޤައުމެއްގެ ސިފަ ޖެހެމުން އައި ބައެއްގެ ގޮތުގައި ޔަހޫޒާގައި އުޅެމުން އައެވެ. އެ އެންމެން ވެސް ތިބީ ފާރިސީންގެ ކިޔަމަންތެރި ރައްޔިތުންގެ ގޮތުގައެވެ.
325 މކ. ގައި، މަޝްހޫރު އިސްކަންދަރު މަޤްދޫނީ، ނުވަތަ އެލެގްޒޭންޑަރ އޮފް މެސެޑޯނިއާ، އޭނާގެ ތޫފާނީ ލަޝްކަރާއިގެން އޭޝިޔާއަށް އަރައިވަޑައިގެން، ފާރިސީން ތަޅުއްވައި ރޯނާ ގަންނަވައި، ޔަހޫޒާ ވެސް އޭނާގެ ބާރުގެ ދަށަށް ގެންދެވިއެވެ. އެއަށްފަހު އެ ބިމުގެ އަހުލުވެރީންގެސާހިބުންގެމަޤާމު އަތުލީ "ހެލެނިސްޓިކް" މެސެޑޯނިއަނުންނާއި ޔޫނާނީން ނުވަތް ގިރީކުންނެވެ. އަހަރުތަކެއް ވާންދެން، ޔަހޫޒާގެ އަހުލުވެރީން ޔޫނާނީންގެ އަޅުވެތިކަމުގައި، ވަރަށް ނިކަމެތި ޙާލުގައި އުޅުނެވެ. ދޭތެރެއަކުން، ޔަހޫދީން ޔޫނާނީންގެ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކޮށް، ޤަރުނެއްހައި ދުވަހަށް އަމިއްލަ ވެރިކަމެއް ވެސް އުފެއްދިއެވެ. ޔޫނާނީންގެ ވެރިކަން ޔަހޫޒާއިން ނެތި ގޮސް، ޔަހޫޒާގެ ބިން ރޯމަން އަމްބަރާޠޫރިއްޔާގެ ބާރުގެ ދަށަށް ދިޔައީ، 63 މކ. ގައެވެ.
ރޯމަނުންގެ ދައުރު
ރޫމީންގެ ވެރިކަމުގެ ދުވަސްވަރު، އަޅުވެތިކަމާ ދެކޮޅަށް ތެދު ވެ، ރޫމީންގެ ވެރިކަމަށް ތަޙައްދީ ކުރެވޭތޯ ޔަހޫދީން ތިން ފަހަރަކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިއެވެ. އެއީ 66 މ. ގައްޔާއި، 117 މ. ގައްޔާއި، 135 މ. ހައިތަނުގައެވެ. މި ތިން ފަހަރު ވެސް ރޯމަނުން އެމީހުންގެ ގަދަފަދަ ހަތިޔާރުތަކުގެ ތޫނުކަން ޔަހޫދީންނަށް ދައްކައި، ޔަހޫދީންގެ "އިންތިފާޒާ" މުޅީން ފުނޑުފުނޑު ކޮށްލިއެވެ. 66 މ. ގެއިންތިފާޒާއާ ގުޅިގެން، 70 މ. ގައި، ރޯމަން ލަޝްކަރު ޖެރޫސަލަމަށް އަރައި، ޖެރޫސަލަމުގެ ބޮޑުބައެއް ތަޅައި ސުންނާފަތި ކޮށް، ފާރިސީ އަމްބަރާޠޫރް ޚުސްރޫ އަޢުޡަމް ބިނާ ކޮށްދެއްވައިފައި ހުރި "ދެވަނަ ހައިކަލް"ސުންނާފަތި ކޮށް ބިމާހަމަ ކުރިއެވެ. އެ ބިނާގެ ބައިތަކުގެ ތެރެއިން ސަލާމަތުން ހުރީ، ހަމައެކަނި، އިމާރާތުގެ ހުޅަނގު ފަރާތު ފާރުގެ ތަންކޮޅެކެވެ.
66 މ. އިން ފެށިގެން 135 މ. އާ ހަމަޔަށް ފާއިތު ވި މުއްދަތުގައި، ރޯމަނުން ޔަހޫޒާގެ އެކިއެކި ކަންކޮޅުތަކުގައި ޔަހޫދީންގެ އެތައް ހާސް ބަޔަކު ކަތިލައި، ޔަހޫދީންގެ 50 ކިއްލާ އާއި 1000 ވަރަކަށް އަވަށް ޗާޓުން މުޅީން ފޮހެލިއެވެ. 135 މ. ގެ އިންތިފާޒާއަށް ފަހު، ރޯމަނުން، ޔަހޫދީންގެ އެތައް ލައްކަ ބަޔަކު ޖަމާޢަތް ޖަމާޢަތަށް ޔަހޫޒާއިން ބޭރު ކޮށް، އޭޝިޔާ އާއި އުތުރު އެފްރިކާ އާއި ޔޫރަޕްގައި ރޫމީ ވެރިކަން އޮތް ބިޔަ ސަރަޙައްދުގެ އެތަން މިތަނަށް ގެންގޮސް، އަޅުންގެ ގޮތުގައި ވިއްކައި، ވިއްސިވިހާލި ކޮށްލިއެވެ. އިޓަލީ އާއި ސްޕޭނާއި މިހާރުގެ ޖަރުމަން ފަދަ ޔޫރަޕުގެ ސަރަޙައްދުތަކަށް ޔަހޫދީން ދިޔައީ މިގޮތުންނެވެ. މިއީ ޔަހޫދީންގެ އެންމެ މަޝްހޫރު "ޑަޔަސްޕޯރާ" އެވެ. ޔަހޫޒާއިން ގާތްގަނޑަކަށް މުޅީން ކަހަލަ ގޮތަކަށްޔަހޫދީން ބޭރު ކުރުމަށް ފަހު، ރޯމަނުން އެ ބިމުގެ ނަން ވެސް ބަދަލު ކުރިއެވެ.
"ޔަހޫޒާ" ގެ ބަދަލުގައި އެ ބިމުގެ ނަމަކީ "ސީރިޔާ ޕެލަސްޓީނާ" ކަމަށް ކަނޑައެޅިއެވެ. އަދި ސީރިއާ ޕެލަސްޓީނާއިން ބޭރުން އެއްވެސް ޔަހޫދީއަކު އެ ފަރުވިންސަށް ފައި އެޅުން ވެސް މަނާ ކުރިއެވެ.
ރޯމަނުންގެ ވެރިކަމުގެ ދެވަނަ ޤަރުނުގެ މެދަކާ ހަމަޔަށް ދިޔަ އިރު، "ސީރިޔާ ޕެލަސްޓީނާ" ގެ ބިމުގައި ބާކީ ތިބީ އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު އާބާދީތަކެއްގައި، ގުނުމަށް ނުލެވޭ ހައި ބައިމަދު ޔަހޫދީންކޮޅެކެވެ. އެއިރުވެސް އެ ބިމުގެ އާބާދީގެ ބޮޑު ބަޔަކީކަންޢާނީންނާއި ފިލިސްޓިން ފަދަ، އެ ބިމުގައި ޤަދީމީ ޒަމާނުގައި ވަޒަން ވެރި ވި ޖަމާޢަތްތަކުގެ ދަރިފަސްކޮޅެވެ. އެމީހުން ސަލާމަތުން ތިބީ، އެމީހުންނަކީ ވެސް ރޯމަނުންނާ އެއް ކަހަލަ ދީނީ ވިސްނުމެއްގެ ޖަމާޢަތްތަކެއް ކަމަށް ވާތީއެވެ. ހަމައެއާއެކު، ޢަރަބި ސަހަރާއިން ހިޖުރަ ކޮށްގެން އުޅުނު ޢަރަބީންގެ ޖަމާޢަތްތަކާއި، ފާރިސީންގެ ޤަބީލާތަކާއި ޔޫނާނީންގެ ޤަބީލާތައް ވެސް އެއިރު ސީރިޔާ ޕެލަސްޓީނާގެއާބާދީގައި ހިމެނުނެވެ. މި ހުރިހާ ޖަމާޢަތްތަކެއް ވެސް އައީ، ކައިވަނީގެ ގޮތުން ގުޅި އެކުލަވަމުންނެވެ. ފަލަސްޠީނީ "ނޭޓިވް" ޖަމާޢަތެއްގެ ސިފަ އިޚްތިޔާރު ކުރަމުންނެވެ.
320 މ. ހިސާބުގައި، ރޫމީ ބައިޒެންޓިއަނުން ކްރިސްޓިއަން ދީން ޤަބޫލު ކުރިއެވެ. އެއަށްފަހު، ރޯމުގެ އަމްބަރާޠޫރިއްޔާގައި ދިރިއުޅުނު ޔަހޫދީންނާއި، "ސީރިޔާ ޕެލަސްޓީނާ" ފަރުވިންސުގައި އުޅުނު މަދު ޢަދަދެއްގެ ޔަހޫދީންނަށް އިހުނަށް ވުރެ ވެސް ނިކަމެތި ޙާލެއް ޖެހުނެވެ. ކްރިސްޓިއަނުން ޤަބޫލު ކުރާ ގޮތުގައި، ޢީސާ ޢަލައިހިއް ޞަލާތު ވައްސަލާމް "ޞަލީބަށް އެރުވުމުގައި" އިސް ދައުރެއް އަދާ ކުޅައީ ޔަހޫދީންނެވެ. އެހެންކަމުން އެމީހުން ދެކެނީ އެކަލޭގެފާނަށް "ލިބިވަޑައިގަތް އަނިޔާތަކާއި، އެކަލޭގެފާނު ޞަލީބަށް އެރުވުނު އެރުވުމާ" މެދު ޔަހޫދީންޒިންމާ ވާން ޖެހޭނެ ކަމުގައެވެ. މި ޢަޤީދީ ފަސްމަންޒަރުގައި ބިނާ ކުރެވުނު ކްރިސްޓިއަން މުޖުތަމަޢުތަކުގައި،ކްރިސްޓިއަނުން ގެންދިޔައީ ޢީސާގެފާނުގެ "ލޭފޮދުގެ ބަދަލު" ހިފުމަށް ޓަކައި، ވޭނާއި ޢަޒާބާއި ނިކަމެތިކަމުގެ ހަތް ކުލަޔާއި ހަތް ރަހަ ޔަހޫދީންނަށް ދައްކަމުންނެވެ.
އިސްލާމީ ވެރިކަން
"ސީރިޔާ ޕެލަސްޓީނާ" އާއި، ޝާމު ކަރައިގެ އެހެނިހެން ސަރަޙައްދުތަކާއި، އުތުރު އެފްރިކާގައި އުޅެމުން ގެންދިޔަ ޔަހޫދީންނަށް ހަމަ ނޭވައެއް ލެވޭ ވަރު ވީ، 634 މ. އިން ފެށިގެން ވެއަތު ވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި، މި ދެންނެވި ސަރަޙައްދުތައް އިސްލާމީ ޚިލާފަތުގެ ބާރުގެ ދަށަށް ދިޔުމުންނެވެ. އެއީ އަބޫ ބަކުރު ރަޟިޔަﷲ ޢަންހާއި ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ޒަމާނުގައެވެ. ޚިލާފަތުގެ ލަޝްކަރުތައް، ރޯމަން ކްރިސްޓިއަނުން ބަލި ކޮށް މި ސަރަޙައްދުތައް ފަތަޙަ ކުރުމަށް ފަހު، މިހާރުގެ ސީރިޔާ އާއި ލުބްނާނާއި އުރްދުނާއި ފަލަސްޠީން ހިމެނޭ ސަރަޙައްދަކީ "ބިލާދުއް ޝާމް" ގެ ނަން ދެވިފައި ވާ ފަރުވިންސެއް ކަމަށް ހަމަޖެއްސިއެވެ. ޝާމު ކަރަޔަކީ އެ ފަރުވިންސެވެ.
އިސްލާމީ ވެރިކަމުގައި، ޔަހޫދީންނަށް ފަލަސްޠީނަށް އައުމުގެ، އަދި އުފަލާއި ތަނަވަސްކަމުގައި އެ ބިމުގައި ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ފަހި ވެގެން ދިޔައެވެ. އިސްލާމީ ޚިލާފަތުގެ ފަރާތުން، ދުވަހަކު ވެސް، ފަލަސްޠީނުގެ ބިމުން ޔަހޫދީން ހުސް ކުރާން، ނުވަތަ ޔަހޫދީންނަށް ދަތި ކުރާން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ޚުދު ޒައިނިސްޓް ޔަހޫދީ މުއައްރިޚުން ވެސް، ރޯމަނުންގެ ވެރިކަން ފަލަސްޠީނުން ނެތިދިޔުމަށް ފަހު، އެ ބިމުގައި ޔަހޫދީންގެ އާބާދީ ގިނަ ވެގެން އައިކަން ފާހަގަ ކުރެއެވެ. ނަމަވެސް ހިތާމަޔަކީ، އެކަން އެހެން ވީ މުސްލިމުން ޔަހޫދީންނާ މެދު ގެންގުޅުނު އޯގާވެރިކަމާއި ސަމާޙަތުގެ ސަބަބުންކަން ފާހަގަ ކޮށް، އެކަމަށް ޓަކައި ހެޔޮ ބަހެއް ބުނެލާން އެމީހުން ދުވަހަކުވެސް ހަނދާން ނުހުންނަ ކަމެވެ.
މުސްލިމުން ފަލަސްޠީނު ފަތަޙަ ކުރި އިރު، ކުރީއްސުރެ ފަލަސްޠީނުގައި އެންމެ އިހުއްސުރެ ދިރިއުޅެމުން އައި މީހުންނާއި، ފަހުގެ ދައުރުތަކުގައި އެ ބިމުގައި ވަޒަންވެރި ވި ބާގަތައް ވަނީ، ވަރަށް ބޮޑަށް މިލި، މަސްހުނި ވެ، ފަލަސްޠީނަށް އަހުލުވެރި، ފަލަސްޠީނުގެ ބުރަކަށީން ފައުޅު ވި ޤައުމަކަށް ވެފައެވެ. ތަކުރާރުކޮށް ދެންނެވިފައި ވާނޭ ފަދައިން، އެމީހުންނަކީ ފަލަސްޠީނުގެ އަޞްލު ވަޒަންވެރީން ކަމަށް ވާ ކަންޢާނީންނާއި، ފަހުގެ ދައުރުތަކުގައި އެ ބިމަށް އައި ޢާމޫރީންނާއި، ޙިއްޠީންނާއި، ޢިބްރީންނާއި، މިޞްރީންނާއި، ފިލިސްޓިން މީހުންނާއި، ބަނީ އިސްރާއީލުންނާއި، ފާރިސީންނާއި ޔޫނާނީންނާއި ރޯމަނުން ފަދަ އެތައް ބައެއްގެ ދަރިކޮޅުތައް ގުޅިގެން އުފެދިގެން ދިޔަ ޤައުމެކެވެ. މުސްލިމުން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، ފަލަސްޠީނަށް އައި އެންމެ މުހިއްމު ޘަޤާފީ ބަދަލަކީ، މި ދަންނަވާ ޖަމާޢަތުގެ ތެރެއިން ކްރިސްޓިއަން ދީނުގައި ސާބިތު ވެތިބި ބަޔަކުމީހުން ފިޔަވައި، އެމީހުންގެ އާބާދީގެ ބޮޑު ބައެއް އިސްލާމް ދީން ޤަބޫލު ކޮށް، ޢަރަބި ބަހުން މޮށިއުޅޭންފެށުމެވެ. ހަމައެއާއެކު، ޢަރަބި ކަރައިން އައި އިސްލާމީ ލަޝްކަރުގެ މުޖާހިދުންގެ ތެރެއިން އެތައް ބަޔަކު ފަލަސްޠީނުގެ "ނޭޓިވް" އާބާދީގެ މީހުންނާ ކައިވަނީގެ ގޮތުން ގުޅި، ޢަރަބި ލޭ ވެސް ފަލަސްޠީނުގެ ލެޔާ އެކު ވެގެން ދިޔައެވެ.
އެހެންކަމުން، އިސްލާމީ ފުތޫޙާތަށް ޤަރުނެއްހައި ދުވަސް ވެގެން ދިޔަ އިރު، ފަލަސްޠީނުގެ "ފަލަސްޠީނީ އާބާދީ" ގެ މައިގަނޑު އައިޑެންޓިޓީއަކަށް ވެފައި އޮތީ ޢަރަބިއްޔަތާއި އިސްލާމެވެ. އެމީހުންނަކީ "ފަލަސްޠީނީ ޢަރަބި މުސްލިމުން" ނެވެ. ވަޠަނީ ގޮތުން ފަލަސްޠީނުގެ ޤަދީމީ ދަރިކޮޅުތަކުގެ ވާރިޘުން ކަމުގައި ހިމެނުނު ފަލަސްޠީނީންނެވެ. ބަހަވީ ގޮތުން ޢަރަބީންނެވެ. ފިކުރީ ގޮތުން މުސްލިމުންނެވެ. މިކަން ހިނގި ގޮތާ ބެހޭ ބަޔާންތައް އައިލީން ބީޓީގެ "އެރެބް އެންޑް ޖޫވ އިން ދަ ލޭންޑް އޮފް ކަނާން" ފަދަ އެތައް ފޮތެއްގައި ވަނީ ތަފްޞީލުކޮށް ބަޔާން ކުރެވިފައެވެ.
މި ޒަމާނުގައި، ޒައިނިސްޓުން ބުނާ ގޮތުގައި، "ފަލަސްޠީނީ ޤައުމިއްޔަތު" ނުވަތަ "ޕެލަސްޓައިނިއަން ނެޝަނަލިޒަމް" އަކީ 20 ވަނަ ޤަރުނުގެ މެދުތެރޭގައިއުފެދުނު، އެއިގެ ކުރީން ވުޖޫދުގައި ނުވާ އެއްޗެކެވެ. މި ދަޢުވާ އެކި ގޮތްގޮތަށް އަނބުރައަނބުރައިގެން، ފެތުރުމުގައި އެމީހުން މަސައްކަތް ކުރަނީ20 ވަނަ ޤަރުނުގެ ކުރީން "ފަލަސްޠީނީން" ނެވެ ކިޔޭ ޤައުމެއް ނުވެސް ހައްދަވާ ކަމުގެ ވިސްނުން، މުޅި ދުނިޔޭގައި ފެތުރުމަށެވެ. ނަމަވެސް ޙަޤީޤަތަކީ، "ފަލަސްޠީނީ ޢަރަބި މުސްލިމުން" ނަކީ ކުރީން ދެންނެވި ފަދައިން، ޤަދީމީ ޒަމާނުއްސުރެ ފަލަސްޠީނުގައި ބިނާ ވަމުން އައި ޤައުމެއްގެ ސިފަތަކުގެ ތެރެއަށް، އިސްލާމީ ފުތޫޙާތަށް ފަހުއިސްލާމް ދީނާއި ޢަރަބި ބަހާ މި ދެ ސިފަ ވެސް އިތުރު ވެގެން، އުފެދުނު ޖަމާޢަތެއް ކަމެވެ.
20 ވަނަ ޤަރުނުގައި އަލަށް ވީ ކަމަކީ، "ފަލަސްޠީނީ ޢަރަބި މުސްލިމުން" މި ޒަމާނުގެ "ނެޝަނަލިސްޓް" ފިކުރުގެ މަތީގައި ވަކި "ނޭޝަނާލިޓީއެއް" ނުވަތަ "ޤައުމިއްޔަތެއް" ބިނާ ކުރި ކުރުމެވެ. މިއީ ފަލަސްޠީނުގައި އެކަނި ހިނގި ކަމެއް ނޫނެވެ. މި ޒަމާނުގެ "ރޮމޭންޓިކް ނެޝަނަލިސްޓް" ފިކުރުގެ ތަރަހައިގައި، ވަކި ސިޔާސީ އައިޑެންޓިޓީއެއް ބިނާ ކުރި ކޮންމެ ޤައުމެއް ވެސް އެކަން ކޮށްފައި ވަނީ ފާއިތު ވެދިޔަ 300 ވަރަކަށް އަހަރުގެ ތެރޭގައެވެ. ގިނަ ޤައުމުތަކުން، އެކަން ކޮށްފައި ވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ. އޭގެ މާނައަކީ، އެއިން އެއްވެސް ޤައުމެއް، އޭގެ ކުރީގައި ވަކި ޖަމާޢަތެއްގެ ގޮތުގައި ވުޖޫދުގައި ނެތުމެއް ނޫނެވެ. ޚުދު ޔަހޫދީން ވެސް ވަކި "ޕޮލިޓިކަލް ނޭޝަނާލިޓީއެއް" ގެ ޙައިޘިއްޔަތު ލިބިގަތީ 19 ވަނަ ޤަރުނުގެ ތެރޭގައި، "ޕޮލިޓިކަލް ޒައިނިޒަމް" ގެ މާލަންތަކުގައެވެ.
ފަލަސްޠީނުގެ ޢަރަބީންނަކީ ޢަރަބި ކަރައިން އައިސް، ފަލަސްޠީނަށް ވެރި ވެގަނެގެން ތިބި "ޢަރަބި ބަދަވީން" ކަމަށާއި، އެމީހުންގެ "ޙަޤީޤީ ވަޒަނަކީ ޢަރަބި ކަރަ" ކަމަށް ޒައިނިސްޓް ޔަހޫދީން ބުނާ ބުނުމަކީ ވެސް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. ފަލަސްޠީނީ ޢަރަބީންނަކީ، އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރި ވި ކަންޢާނީންނާއި، ފަހުގެ ދައުރުތަކުގައި އެ ބިމަށް އައިސް ކަންޢާނީންނާ މިލި، ފަލަސްޠީނަށް ދިރުނު، އަދި ފަލަސްޠީނުގައި އެތައް ހާސް އަހަރެއް ވާންދެން ދިރިއުޅެފައި، އިސްލާމް ވެގެންމާދަރީ ބަހެއްގެ ގޮތުގައިޢަރަބި ބަސް ބަލައިގަނެގެން ތިބި، ފަލަސްޠީނުގެ ބިމުގެ ޙަޤީޤީ މިލްކުވެރީންނެވެ. ފަލަސްޠީނުގެ ޙަޤީޤީ ވަޒަންވެރީން، އިސްލާމް ވެގެން ޢަރަބި ބަހުން ވާހަކަ ދައްކާން ފެށުމުން، އެމީހުން ޢަރަބި ކަރަޔަށް ދާން ޖެހޭ ނަމަ، އިންޑިޔާގައި، މެލޭޝިޔާގައި، ދިވެހިރާއްޖޭގައި، އެމެރިކާގައި، އެފްރިކާގައި، ނުވަތަ ރަޝިޔާގައި އިސްލާމް ވެގެން ޢަރަބި ބަހުން ވާހަކަ ދައްކާން ފަށައިފިކޮންމެ ބަޔަކު ވެސް ޢަރަބި ކަރަޔަށް ދާން ޖެހޭނެތާއެވެ! ހަމައެހެންމެ، ދުނިޔޭގެ ކޮންމެ ތާކުން ވެސް ކްރިސްޓިއަން ދީނަށް ވަދެގެން އިޓަލީ ބަހުން ވާހަކަ ދައްކާން ފަށައިފި ބަޔަކު އިޓަލީ ވިލާތަށް، ކްރިސްޓިއަން ދީނަށް ވަދެގެން މާދަރީ ބަހަކަށް އިނގިރޭސި ބަސް ހަދައިފި ކޮންމެ ބަޔަކު އިނގިރޭސި ވިލާތަށް، ކްރިސްޓިއަން ދީނަށް ވަދެގެން ފްރެންޗްބަހުން ވާހަކަ ދައްކާން ފަށައިފި ކޮންމެ ބަޔަކު ފަރަންސޭސި ވިލާތަށް ދާން ވެސް ޖެހޭނެތާއެވެ!
ޞަލީބީ ހަނގުރާމަޔާއި އޭގެ ފަސް
ޔޫރަޕުން އައި ޞަލީބީ ކްރިސްޓިއަނުން ޝާމު ކަރަޔަށް އަރައި، އެ ބިމުގައި އެއުރެންގެ ރަސްކަންތަކެއް ޤާއިމު ކުރީ 1099 މ. ގައެވެ. ޞަލީބީން ޖެރޫސަލަމް ނުވަތަ "އަލްޤުދުސް" ހިފުމަށް ފަހު، އެންމެ ފުރަތަމަ ކުރި އެއް ކަމަކީ، އެ ޝަހަރުގެ ޔަހޫދީންގެ އެންމެންދިރިތިއްބައި އަންދައިލުމެވެ. އެއަށްފަހު، 1187 މ. ގައި، މުސްލިމުންގެ މަތިވެރި ބަޠަލް މަލިކުއްނާޞިރް ޞަލާޙުއްދީން އަލްއައްޔޫބީ އަލްޤުދުސް ފަތަޙަ ކުރައްވާންދެން، އަލްޤުދުސްގައި ވެސް އަދި ޞަލީބީ ފަލަސްޠީނުގެ އެހެން ތަނެއްގައި ވެސް ޔަހޫދީންނަކަށް އަމާންކަމެއް ނެތެވެ. ފަލަސްޠީނުގެ ދޮރޯށިތައް ޔަހޫދީންނަށް ޓަކައި އަނެއްކާވެސް ހުޅުވައިލެއްވީ،އަލްޤުދުސާއި ފަލަސްޠީނު ފަތަޙަ ކުރެއްވުމަށް ފަހު، ސުލްޠާން ޞަލާޙުއްދީނެވެ.
ޞަލާޙުއްދީނުގެ ފަތަޙަޔަށް ފަހު، 1948 މ. ގައިފަލަސްޠީނުގައި ޒައިނިސްޓް ދައުލަތެއް އުފެދުމާ ހަމަޔަށް ވެއަތު ވެގެން ދިޔަ 761 އަހަރުގެ ދިގު މުއްދަތުގައި، މުސްލިމުންގެ ވެރިކަމުގެ ދަށުގައި، ފަލަސްޠީނުގެ ކަންކޮޅުތަކުގައި ޔަހޫދީންއުޅުނީ އެއްވެސް ދަތިކަމެއް ނެތިއެވެ. މި ދިގު މުއްދަތުގެ ތެރޭގައި، މުސްލިމުންގެ އެއްވެސް ރަސްކަމެއްގެ ފަރާތުން، ޔަހޫދީންނާ ދެކޮޅަށް "އެންޓި ސެމިޓިކް" ސަގާފަތެއް ނުގެންގުޅެއެވެ. ޔަހޫދީން "ގެޓޯތަކާއި ޕޮގްރޮމްތަކަކަށް" ނުލައެވެ. މި ދެންނެވި މުއްދަތުގައި،އިސްލާމީ ބިންތަކުގައި ޔަހޫދީން އުޅެމުން ގެންދިޔައީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި އެމީހުންނަށް ލިބިފައި ނެތް ފަދަ އަމާންކަމާއި ޙުރުމަތްތެރިކަމުގައެވެ.15 ވަނަ ޤަރުނުގެ އަހަރުތަކުގައިއިންކުއިޒިޝަން ސްޕޭނުން އެތައް ހާސް ޔަހޫދީން ތަޅައި ބޭރު ކުރުމުން، އެމީހުންނަށް ޖާގަ ދިނީ ވެސް އިސްލާމީ އުއްމަތުގެ ސަރަޙައްދުތަކުންނެވެ. އެގޮތުން ވެސް ފަލަސްޠީނަށް އިތުރު ޔަހޫދީންތަކެއް އައެވެ.
ޚާތިމާ
1880 މ. ވަނަ އަހަރާ ހަމަޔަށް އައި އިރު، ފަލަސްޠީން އޮތީ ޢުޘްމާނީ ޚިލާފަތުގެ ފަރުވިންސެއްގެ ގޮތުގައެވެ.އެއިރު މުޅި ފަލަސްޠީނުގައި ތިބީ ގާތްގަނޑަކަށް 8000 ޔަހޫދީންނެވެ. ފަލަސްޠީނީ ޢަރަބި މުސްލިމުންނާއި ކްރިސްޓިއަނުންގެ އާބާދީގެ ޖުމުލަ އެއިރު 7 ލައްކަޔަށް ވުރެ ބޮޑެވެ.1882 މ. އިން ފެށިގެން، ރޫސީ ވިލާތާއި، އިރުމަތީ އަދި މެދުތެރޭ ޔޫރަޕުގެ އެހެން ބައެއް ސަރަޙައްދުތަކުން، ޒައިނިސްޓް އިސްތިޢުމާރީންގެ ޖަމާޢަތްތައް ފަލަސްޠީނަށް ހިޖުރަ ކުރާން ފެށިއެވެ. ބައިބަޔަށް ފަލަސްޠީނަށް އައި މި އިސްތިޢުމާރީ ޖަމާޢަތްތަކާ އެކު، ޔަހޫދީންގެ އާބާދީ އިތުރު ވަމުން އައިސް، 1931 މ. ވަނަ އަހަރާ ހަމަޔަށް އައި އިރު، ފަލަސްޠީނުގައި 174606 ޔަހޫދީން ތިއްބެވެ. އެއިރު ފަލަސްޠީނީންގެ އާބާދީ އަކީ 1033314 (އެޑްވަރޑް ސަޢީދުގެ "ދަ ކުއެސްޝަން އޮފް ޕެލަސްޓައިން) އެވެ. މިގޮތުން ފަލަސްޠީނަށް އައި ޔަހޫދީންގެ ބޮޑު ބަޔަކީ އަޝްކެނާޒިމް ޔަހޫދީންނެވެ. އެއީ ބަނީ އިސްރާއީލުގެ ދަރިކޮޅުތަކާ ނަސްލީ ގުޅުމެއް ވެސް ޙަޤީޤަތުގައި ނެތް،ޚާޒާރީ ޔޫރަޕިއަން ޖަމާޢަތެކެވެ.
ޒައިނިސްޓުން ދަޢުވާ ކުރާ ގޮތުގައި، 1882 މ. ވަނަ އަހަރުން ފެށިގެން ފަލަސްޠީނަށް ޒައިނިސްޓް އިސްތިޢުމާރީން އައިސް އެ ބިން އިސްތިޢުމާރު ކުޅައީ، އެ ބިން އިންސާނެއްގެ ހުސް ފަޅު ބިމެއްގެ ގޮތުގައި އޮއްވައެވެ. ނަމަވެސް ތާރީޚުގެ ޙަޤީޤަތް، މަތީގައި ދެންނެވި ޢަދަދުތަކުން ފެނެއެވެ. އެއިރަށް ބަލާ އިރު، 8 ލައްކަ ނުވަތަ 1 މިލިއަނަކީ ފަލަސްޠީނުގެ އާބާދީއަކަށް، މަދު ޢަދަދެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި، "ލޭންޑް ވިތައުޓް ޕީޕަލް ފޯރ އަ ޕީޕަލް ވިތައުޓް ލޭންޑް" ގެ ދޮގުވެރި ޝިޢާރާ އެކު، ޒައިނިސްޓުން ފަތުރާ ޕްރޮޕެގެންޑާ އަކީ ކަނޑައެޅިގެން ހުރި ޙީލަތާއި މަކަރާއި އޮޅުވައިލުމެވެ.
އިސް ވެދިޔަ ބަޔާންތަކުން ކަނޑައެޅިގެން އެނގޭ ފުރަތަމަ ކަމަކީ، "ޓޭރާ ނަލިއަސް" ގެ ގޮތުގައި ފަލަސްޠީނުގެ ބިން އޮއްވައި، އެ ބިން އާބާދު ކުޅައީ އަދި އެ ބިމުގެ އަޞްލު ވަޒަންވެރީންނަކީ އަދި މިލްކުވެރީންނަކީ ކަންޢާނީން ކަމެވެ.ދެވަނަ ކަމަކީ، ވެއަތު ވެދިޔަ 5000 އަހަރުގެ ތެރޭގައި އެ ބިމުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރީ ކަންޢާނީން ކަމާއި، ކަންޢާނީން ފިޔަވައި އެ ބިމުގައި ވެރިކަން ކުރި ހަމައެކަނި ބަޔަކީ ބަނީ އިސްރާއީލުން ނޫން ކަމާއި، ބަނީ އިސްރާއީލުންނަށް ވުރެ ފަހުން އެތައް ބަޔަކު އެ ބިމުގައި ދައުލަތްތައް ބިނާ ކުރި ކަމާއި، ވީމާ ތާރީޚީ ގޮތުން ބަލާ އިރު، އެ ބިމުގެ މިލްކުވެރިކަމުގައި މިއިން އެއްވެސް ބަޔަކަށް ވުރެ ބުރަދަން ބޮޑު ޙައްޤެއް ބަނީ އިސްރާއީލުންނަށް ނެތް ކަމެވެ.
ތިންވަނަ ކަމަކީ، މިހާރު "ފަލަސްޠީނީ ޢަރަބި މުސްލިމުން" ނާއި "ފަލަސްޠީނީ ޢަރަބި ކްރިސްޓިއަނުން" ގެ ގޮތުގައި އައިޑެންޓިފައި ކުރެވޭ މީހުންނަކީ، ފަލަސްޠީނުގެ ބިމުގެ އަޞްލު ވަޒަންވެރީން ކަމަށް ވާ ކަންޢާނީންނާއި، އޭގެ ފަހުން އެ ބިމަށް އެކި ޒަމާންތަކުގައި އައި ޢާމޫރީންނާއި، ޙިއްޠީންނާއި، ޢިބްރީންނާއި، މިޞްރީންނާއި، ފިލިސްޓިން މީހުންނާއި، ބަނީ އިސްރާއީލުންނާއި، ފާރިސީންނާއި، ޔޫނާނީންނާއި، ރޯމަނުންނާއި، ޢަރަބީންނާއި، ކުރްދީންނާއި، ތުރުކީން ފަދަ އެތައް ބައެއްގެ ދަރިފަސްކޮޅުތައް މިލި، ގުޅިގެން އުފެދުނު، ފަލަސްޠީނުގެ ބިމަށް "ނޭޓިވް"، އެ ބިމުން އުފެދުނު، ދުވަހަކުވެސް އެ ބި