ދެއަހަރާއި ދެމަސްދުވަސް ކުރީން އެމްޑީޕީ ވެރިކަމަށް އައީ އައްޑު އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާ އަކާ އެކުއެވެ. ރިއާސީ އިންތިހާބުގައި މުޅި ރާއްޖެއިން ވެސް ނިސްބަތުން އެންމެ ގިނަ ވޯޓު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ އައްޑުއަތޮޅުން ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން، މައުމޫނުގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރުވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގައާއި، ދެކޮޅު ހެދުމުގައި، އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވީ ގިނަ ފަރާތްތަކަކީ އައްޑުއަތޮޅަށް ނިސްބަތްވާ އެމްޑީޕީ ގެ މެމްބަރުންނެވެ.

ކަންމިހެން އޮތްއިރު، އެމްޑީޕީ ވެރިކަމަށް އައުމާއިއެކު އައްޑުއަތޮޅުގެ ތަރައްޤީއަށް ވަރަށް ބޮޑެތި މަޝްރޫއު ތަކެއް ހިންގޭނެ ކަމަށް ގިނަބަޔަކު ހީކުރިއެވެ. ހަމަގައިމުވެސް އައްޑު އަތޮޅަށް ނިސްބަތްވާ އެމްޑީޕީ ގެ ގިނަ ރައްޔިތަކު މިކަމަށް އުއްމީދު ކުރިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ޒައާމަތަށް ދެއަހަރު ފުރި ތިންވަނަ އަހަރަކަށް ފެށިގެން ދިޔައިރު އައްޑުއަތޮޅަކަށް މާބޮޑެތި ކަންތައްތަކެއް ކޮށްދެއްވާފައެއް ނެތެވެ. އަދިވެސް އޮތީ މައުމޫނު ދައުރުގައި ހެދުނު ދެރިސޯޓަކާއި، މައުމޫނު ނަންބޯޑު ހަރުކޮށްދިން "ބައިނަލްއަގްވާމީ" ވައިގެ ބަނދަރަކާއި، އޮޔަކަށް، ވަޔަކަށް ބެލުމެއްނެތި މައުމޫނު ހަދައިދިން ޒާތެއްގެ ބަނދަރަކާއި، މައުމޫނު ދައުރުގައި، ބިންމަތީގައި ދަމާލި ރޮއްޓެއްހެން އަޅާލެވުނު ލިންކްރޯޑެވެ.
އެހެން ބައެއް އަތޮޅުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކާއި، އެހެނިހެން ބޮޑެތި އިންވެސްޓް ތައް ކުރެވުމުން، މެކުހަށް ޖަހާފައިކުރިއަށް ދާއިރު އައްޑޫ ރައްޔިތުން ތިބީ ފާޑަކަށް ޝޮކުޖެހި، މާޔޫސްވެފައެވެ. ނަމަވެސް މިކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް އެމް.ޑީ.ޕީ އަށް ނިސްބަތްވާ އައްޑުއަތޮޅުގެ ޕާލިމަންޓް މެމްބަރުންނާއި، އައްޑޫގެ ރައްޔިތުންވެސް އުފުލަންޖެހެއެވެ.

އެހެނީ އަސްލަމް މެން، އަލްހާން މެން، އަދި އިލްޔާސް ލަބީބް ފަދަ މެމްބަރުން މިކަމުގައި ފުދޭވަރަށް ސަރުކާރަށް ޕްރެޝަރު ނުކުރާނަމަ ކަންވާނީ މިގޮތަށެވެ.

މިދެންނެވި ފަދަ މެމްބަރުންގެ އަމިއްލަފުޅު ޖީބުކޮޅުތައް ފުރެނިކޮށް އެބޭފުޅުންނަށް ނިމުނީ ކަހަލައެވެ. އެމް.ޑީ.ޕީ އިން ބާއްވާ ކޮންމެ ޖަލްސާއެއްގެ ކުރީސަފުގައި އަސްލަމް ފަދަ އައްޑޫ މެމްބަރުންގެ މޫނު އިޝްތިހާރު ކޮށްލެވުނަސް އަތޮޅަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. އަތޮޅަށް ކަމެއް ކޮށްދެއްވާނެ ނަމަ އައްޑު އަތޮޅަށް މިހާރަށްވުރެ ބޮޑެތި އިންވެސްޓްމެންޓްތައް ގެންދިއުމަށް ސަރުކާރަށް ބާރު އަޅުއްވާށެވެ!

ހެރެތެރެއަކީވެސް މިސާލަކަށް ކުޅުދުއްފުށީ ކައިރީގައި އޮތް ރިސޯޓެއް ނަމަ އެއަތޮޅުގެ ރައްޔިތުން ސަރުކާރަށް ޕްރެޝަރުކޮށްގެން މިހާރަށްވުރެން އަވަސް ދުވެއްޔެއްގައި ހެރެތެރެ ނަގާ ކޮޅަށް ޖެހީސްކަން ޔަގީނެވެ. މިކަހަލަ ކަންކަމުގައި އައްޑޫ ރައްޔިތުން ކުރިން ދެއްކިފަދަ ޖޯޝް މިހާރު ނުފެންނަކަން ޔަގީނެވެ.
މިހެން ކަންވާކަމުގައި ވަނީނަމަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އަންނަ ތަރައްގީގެ ދުވެލީގައި އައްޑުއަތޮޅަށް ފައިހަމަ ނުކުރެވި، ފަހަތަށް ޖެހިގެން ދާނެކަން ޔަގީނެވެ.

މި ސަރުކާރަށް އައްޑު އަތޮޅަށް މާބޮޑުކަމެއް ނުކޮށްދެވި ދެއަހަރު ފާއިތުވިއިރު، އައްޑު އަތޮޅު އެއީ ސިޓީއަކަށް ހަދަން ނިންމުމުން އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީވެސް އައްޑުއަތޮޅު މީހެއްކަމުގައިވާ ހަސަން ސައީދުގެ ޤައުމީ ޕާޓީއިންނެވެ. އެކަމުގައި އެންމެ ދެކޮޅުވެރި އެކަކީ ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހުއެވެ. އެއީވެސް އައްޑޫ މީހެކެވެ. މިކަމުން ދޭހަކޮށްދެނީ ހަސަން ސައީދާއި އިމާދު ސޯލިހު ފަދަ މީހުން ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭ ކަމެވެ.

މި ސަރުކާރު ވުޖޫދަށް ގެނައުމުގައި، އެކި ސިފަސިފާގައި އައްޑު އަތޮޅުގެ ރައްޔިތުންނާއި، އައްޑޫ އާ ގުޅުން ހުރި ފަރާތްތަކުން ވެފައިވާ ގުރުބާނީގެ އަގު އަދާކޮށް، އައްޑު އަތޮޅަށް ލިބެންޖެހޭ ހައްޤު ދަރަޖަ ހޯދައިދީ، ތަރައްޤީގެ ހުޅުކޮޅު އެއަތޮޅުގައި ރޯކޮށްދިނުމުގެ ވަގުތު މިހާރު މިއޮތީ އައިސްފައެވެ.

މައުމޫނާއި، އަބްދުﷲ ހަމީދު 30 އަހަރު ވަންދެން އައްޑު އަތޮޅުގެ ވައި ނޮޅީގައި ހިފަހައްޓައިގެން ތިބިތިބުން ނިމުމަކަށް އައިސް، ޤައުމުގެ މުގޫ ނަޝީދަށް ލިބިވަޑައިގަތުމުން އައްޑު އަތޮޅަށް ކޮށްދެއްވަން ވައުދުވެ ވަޑައިގެންފައިވާ ކަންތައްތައް ކޮށްދެއްވުމުގައި، އައްޑޫގެ ޕާލިމެންޓު މެމްބަރުންވެސް ބާރު އަޅުއްވަން ވީއެވެ. އައްޑޫ ރައްޔިތުންވެސް ބާރު އަޅަންވީއެވެ.

އައްޑޫ ސިޓީވެސް ހަދަންވީއެވެ. އައްޑޫގެ ބިންވެސް ހިއްކަންވީއެވެ. ގަމުގެ އެއާރޕޯރޓުވެސް ތަރައްޤީ ކުރަންވީއެވެ. ސާރކް ސަމިޓުވެސް އައްޑޫގައި ބާއްވަންވީއެވެ. އައްޑުއަށް އަންނަ ކޮންމެ ތަރައްޤީއަކީ ރާއްޖޭގެ ދެކުނު ސަރަހައްދަށް ލިބޭނެ ކުރިއެރުމެކެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭނެ އާރޯ ކަމެކެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އެމް.ޑީ.ޕީ ގެ ކުރިމަގުގެ ކާމިޔާބުވެސް ގުޅިފައިވަނީ މިކަމާއެވެ. އަދި މުޅި ޤައުމުގެ ކުރިމަގުވެސް ގުޅިފައިވަނީ މިކަމާއެވެ. މިއީ ދިވެހި ތާރީޚު ހެކިދޭ ކަމެކެވެ. މިއީ ވިސްނާ މީހުންނަށް ހުރި އިބްރަތްތެރި ފިލާވަޅެކެވެ!