21 Jul 2014, 20:41
ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވުސް (ބީއެމްއެލް) އަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރުމުގެ ގޮތުން ބޭންކިން އާ ސިސްޓަމެއް ތައާރަފް ކުރުމަށް ނިންމައިފި އެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުން މިހާރު ތައާރަފް ކުރަން ނިންމާފައިވާ ސިސްޓަމަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޯ ބޭންކިން ސިސްޓަމްއެއް ކަމަށްވާ "ޓެމިނޯސް ޓީ 24"ގެ ސިސްޓަމެއް ކަމަށެވެ.
އެންޑްރޫ ވިދާޅުވީ ބީއެމްއެލަކީ އާންމުން ބަލައިގަންނަ ރަނގަޅު ބޭންކްއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބީއެމްއެލުން އަލަށް މަސައްކަތްތަކެއް ފަށައި އާ ސިސްޓަމްތަކަކާއެކު ޒަމާނީ ވަސީލަތްތައް ތައާރަފްކުރުމުގެ ޕުރޮޖެކްޓްއެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލަށް ތައާރަފް ކުރި ސިސްޓަމާއެކު ބީއެމްއެލްގެ ކަސްޓަމަރުންނަށާއި މި ބެންކަށް ވެސް ރަނގަޅުވެގެން ދާނެ،" އެންޑްރޫ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޭންކްގެ މާކެޓިން މެނޭޖާ ރިއްފަތު މުހައްމަދު ވިދާޅުވީ އާ ސިސްޓަމް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އާ ސިސްޓަމް ގާއިމް ކުރުމަށް އީދު ބަންދު ދުވަސްތަކުގެ ބޭންކް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވީ އާ ސިސްޓަމް ތައާރަފް ކުރުމާއެކު އަލަށް އެކައުންޓް ހުޅުވުމަށް އެދޭތަނުން އެކައުންޓް ނަމްބަރު ވަގުތުން ލިބޭނެ ކަމަށެވެ. ނަމަވެސް އެ އެކައުންޓް ބޭނުން ކުރެވެން ފަށާނީ ފަސް ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ. އަދި އާ ސިސްޓަމާއެކު ބީއެމްއެލުން ދޭ ފައިސާގެ ރަސީދަށް ބަދަލުތަކެއް އައުމުގެ އިތުރުން ޗެކް ޑިޕޮސިޓް ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
"އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޗެކް ޑިޕޮސިޓް ކުރުމަށް ބޭނުން ކުރަން ޖެހޭނީ އަލަށް ބޭނުން ކުރެވޭ ޗެކް ޑިޕޮސިޓް ސުލިޕެއް، އެ ސުލިޕް ބޭނުން ކުރަން ފެށީމައި ކުރިއަށްވުރެ ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ،" ރިއްފަތު ވިދާޅުވި އެވެ.
ބީއެންއެލްގެ އޮޕަރޭޝަން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ ކޯ ބެންކިން ބަދަލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެ ސިސްޓަމަށް ބަދަލުކުރާ ފުރަތަމަ ދުވަސްކޮޅުގައި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.
"ސުޓާފުން އަލަށް ސިސްޓަމަކަށް ފައްޓައި ގަންނައިރު ކިތަންމެ ވަރަކަށް ޓުރެއިނިން ދީފައި ހުރި ކަމުގައި ވިޔަސް ދަތިތަކެއް ދިމާވާނެ. އާ ސިސްޓަމަށް އަހުލުވެރިވަން، އެހެންވެ ބައެއް ފަހަރު ހިދުމަތް ދިނުމުގައި ދަތިތަކެއް ބައެއް ފަހަރު ކުރިމަތިވާނެކަން ފާހަގަކޮށްލަން،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން އާ ސިސްޓަމަކަށް އަމަލުކުރަން ފަށަން ނިންމާފައިވާއިރު މިހާރު އެ ބޭންކް އިން ބޭނުން ކުރަނީ 15 އަހަރު ވެފައިވާ ސިސްޓަމެކެވެ.