ފޮތިގަނޑަކުން އަނގަޔާއި ނޭފަތް ނިވާކޮށްގެން ލޯކަލް މާރުކޭޓަށް ވަދެ "ބަޓާނާ"އެއް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކަށް ނަސޭހަތްދީ ދޫކޮށްލަން އުޅެނިކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ދަނޑުވެރިޔާ ބޭނުންވާތީ އެ މީހާ ހައްޔަރުކޮށްފި އެވެ.

މިއަދު ހަވީރު ގާތްގަނޑަކަށް 5:35 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ހައްޔަރު ކުރީ ޒުވާން އުމުރުގެ މީހެކެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ލޯކަލް މާރުކޭޓު ގޮޅިއެއްގައި ބަޓާނާ ވިއްކަން ބަހައްޓާފައި ހުއްޓައި އޭތި ޖީބަށް ލައިގެން ފިލަން އުޅެނިކޮށެވެ.

އޭނާ ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހަކު "ސަން"އަށް ވިދާޅުވީ ބަޓާނާ ވަގަށް ނެގި ޒުވާނާގެ މައްޗަށް ދައުވާ ކުރަން އޭގެ ވެރިފަރާތުން ބޭނުންވާ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކަން ހުރި ދަނޑުވެރިޔަކު ބުނީ މީގެ ކުރިން ވެސް މާރުކޭޓޫން އެގޮތަށް އެއްޗެއް ވަގަށް ނެގި މީހަކަށް ނަސޭހަތްދީ ފުލުހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ލޯކަލް މާރުކޭޓުން އެއްޗެހި ވަގަނަށް ނެގުން މި ރޯދަ މަހު އާންމުވެފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ދަނޑުވެރިން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ މި ރޯދަމަހު ވަރަށް ބޮޑުވެއްޖެ ކަމެއް. އަހަރުން ބުރަ މަސައްކަތުން އުފައްދާ ވިއްކަން ގެންނަ އެއްޗެހި އެ މީހުން ވަގަށް ނަގަނީ. މިރުހެއް ވަގަށް ނެގިޔަސް ވަގުންގެ މައްޗަށް ދައުވާކުރާނަން މިކަން ހުއްޓުވަން،" ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކަން ހުރި ދަނޑުވެރިޔަކު ބުންޏެވެ.

މާރުކޭޓު ސަރަހައްދުން ހާއްސަކޮށް ރޯދަމަހު ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އެގޮތުން މީގެ ދެ ދުވަހެއް ވަރު ކުރިން ވަނީ އެ ސަރަހައްދުން ކާށި ގޯންޏެއް ވަގަށް ނެގި މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.