މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ އޮޅުވާލުމުގައި ޖެހި ހައްޖަށް ނުދެވުނު 126 މީހުންގެ ތެރެއިން އިތުރު 10 މީހަކު ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އަށް ފައިސާ ދައްކައިގެން 2012 ވަނަ އަހަރު ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން ސަރުކާރުގެ އެހީގައި މިދިޔަ އަހަރު ވަނީ 32 ހައްޖަށް ގެންދިއުމަށް ހޮވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 1433 ވަނަ އަހަރުގެ މަލީޝާ ހައްޖު ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 10 މީހަކު މިއަހަރު ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މީހުން ހޮވާނީ ގުރުއަތަކުން ކަމަށެވެ.

"މަލީޝާ ހައްޖު ގްރޫޕުން ހައްޖަށް ދިއުމަށްޓަކާ 1433 ވަނަ އަހަރު ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ފޯމު ހުށަނާޅުއްވާ ފަރަތްތަކުން އެކަމަށްޓަކައި ދޫކުރާ ފޯމުގައިވާ އެންމެހާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ހުށަހެޅުން އެދެމެވެ. އަދި ފޯމާއި އެކު ފައިސާ ދެއްކި ރަސީދުގެ ކޮޕީ އަދި ހައްޖަށްދާން ބޭނުންވާ ފަރާތުގެ އައިޑީކާޑު ހުށަހެޅުން އެދެމެވެ،" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެގޮތުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ނަގާ އެ ގުރުއަތުލުމުގައި އަންނަ 1436 ވަނަ އަހަރު ހައްޖަށް ގެންދާނެ ފަރާތްތަކުގެ އިތުރުން ކޮންމެ އަހަރަކަށް ރިޒާވްގެ ގޮތުގައި ފަސް މީހަކުންގެ ޖާގަ ހޮވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، މިއަހަރު ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވޭ 10 މީހުން ވެސް ހައްޖަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެ މީހުން ހައްޖަށް ގެންދިއުމަށް ހުޅުވާލި ޑޮނޭޝަންއަކުން ލިބުނު ފައިސާއިން ކަމަށެވެ.

މަލީޝާ ހައްޖު ގްރޫޕުގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ހައްޖަށް ފޮނުވުމަށް ހޮވި 32 މީހުންގެ ތެރެއިން 10 މީހަކު ހައްޖަށް ފޮނުވުމަށް ފައިސާ ދީފައި ވަނީ މީހުން ހައްޖަށް ގެންގޮސްދިމުގައި އެހީތެރިވެދޭ ރާއްޖެއިން ބޭރުގެ މީހެކެވެ. އަދި އަނެއް 24 މީހުން ހައްޖަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.