އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އެންމެހާ އަމަލުތައް ކުށްވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ސްޕެއިން ސަރުކާރަށް ގޮވާލައްވައިފި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އެންމެހާ އަމަލުތައް ކުށްވެރި ކުރުމަށް ސްޕެއިންއަށް ރައީސް ޔާމީން ގޮވައިލެއްވީ، ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ގުސްޓާވް ޑިއަރިސްޓަގުއި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާ އިންސާނީ ހަމަލާތައް ހުއްޓާލުމަށް ރައީސް ޔާމީން ވަނީ މި މަހުގެ ކުރީކޮޅު ވެސް އިލްތިމާސް ކުރައްވައިފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އުދުވާނާއި ހަނގުރާމައިގެ ޖަރީމާތަކުގައި ފާއިތުވި 13 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ ހަމަލާތަކުގައި މަރުވެފައި ވަނީ އިސްރާއީލުގެ 13 މީހެކެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ސްޕެއިންގެ ސަފީރު ވަނީ، ދިވެހިރާއްޖެއާއި ސްޕެއިންއާ ދެގައުމަކީ އެތައް ގޮތަކުން ވަރަށް އެއްގޮތް ދެ ގައުމުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަށް ފާހަގަކުރައްވައި، އެ މަސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސްޕެއިންގެ ސަފީރު ދެއްވި އެވެ.