21 Jul 2014, 16:35
އިސްރާއީލު ސިފައިންނާ ގުޅިގެން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ދެމީހުން އެމެރިކާގެ ދެމީހުން މަރުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ، އިއްޔެ މަރުވި އިސްރާއީލް ސިފައިންގެ 13 މީހުންގެ ތެރޭގައި އެމެރިކާގެ ދެމީހުން ވެސް ހިމެނޭ ކަމަށެވެ. މަރުވެފައި ވަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖަލިސްއަށް އުފަން އުމުރުން 24 އަހަރުގެ ސްޓެއިންބާގްއާއި ޓެކްސަސްގެ ސައުތު ޕެޑްރީ އައިލެންޑަށް އުފަން އުމުރުން 21 ކަރްމެލީ އެވެ. އެދެމީހުންގެ އާއިލާއާ ހަވާލާދީ އޭޕީ ބުނީ އެދެމީހުން ވެސް އިސްރާއީލަށް ހިޖުރަކޮށް އިސްރާއީލީ ޑިފެންސް ފޯސް (އައިޑީއެފް) އާ ގުޅުނީ އިސްރާއީލަށް ލޯބިކުރާތީ އަމިއްލައަށް އެދިގެން ކަމަށެވެ.
މަރުވި އިސްރާއީލް ސިފައިންގެ 13 މީހުންގެ އިތުރުން އެކަކު އަސީރުކޮށްފައިވާ ކަމަށް ހަމާސް އިން ރޭ ވަނީ ބުނެފައެވެ. އެކަމާ ބެހޭ ގޮތުން އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތާ މިހާރު 14 ދުވަސް ވެފައިވާއިރު އެހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 508 އަށް އަރާފައެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ. އެހަމަލާތަކުގައި 3008 މީހުން ޒަހަމް ވެސް ވިއެވެ.