21 Jul 2014, 16:38
ރ. ފައިނުގެ ބަދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި، ފައިނުގެ އުތުރު ސަރަހައްދުގައި ބަދަރެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ އިބްރާހީމް އަބުދުއް ރައްޒާގެވެ.
އެ ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން 29.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފައިނުގައި ހަދާ ބަދަރުގެ އަމަލީ މަސައްކަތް ފެށޭނީ އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.
"ބަދަރާއި އެކު ދޯނި އެހެލުމުގެ ސަރަހައްދެއް ހެދިގެން ދާނެ. އަދި ބަދަރު ސަރަހައްދުގެ ޕޭމަންޓާއި ބަދަރު ސަރަހައްދު ރޭގަނޑު ދިއްލޭ ގޮތަށް ހޮޅިބުރި ޖެހުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ،" މިނިސްޓަރު މުއިޒު ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 425 މީހުން ދިރިއުޅެމުން އަންނަ ފައިނުގައި އަލަށް ހަދާ އެ ބަދަރަކީ 300 ފޫޓު ދިގު، 200 ފޫޓުގެ ފުޅާ ބަދަރެކެވެ. ބަދަރުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރީ އަމަލީ މަސައްކަތް ފަށާތާ، އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާގު ދެއްކެވި ވާހަކަފުޅުގައި ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ބަދަރު ހަދައި ނިންމާނެ ކަމުގެ ޔަގީންކަން ފައިނުގެ ރައްޔިތުންނަށް ދެއްވާ ކަމުގައި ވިދާޅުވި އެވެ.
ފައިނުގެ ބަދަރުގެ މަޝްރޫއުއާ އެކު އެމްޓީސީން މިހާރުވެސް ރާއްޖޭގެ 25 ރަށެއްގައި ބަދަރު ހެދުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
ފައިނުގައި ބަދަރެއް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ދުވަސްތަކަކަށްފަހު އެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެކަމުގެ ސަބަބުން އެރަށަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.