މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ އަލަށް ހަވާލުވި ލުއިސް ވެން ހާލްއަށް އެ ކްލަބަށް ކާމިޔާބު ހޯދައިދެވޭނެ ކަަމަށް ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ބުނެފި އެވެ.

ޔުނައިޓެޑުގައި ވެން ހާލްއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ މިދިޔަ ސީޒަނުގައި އެ ކްލަބު ވެއްޓުނު އަނދަވަޅުން ނަގައިދިނުމެވެ. ޑަޗް ލީގާއި، ލަލީގާ އަދި ބުންޑަސްލީގާ ކާމިޔާބު ކުރުމުގެ ތަޖުރިބާ ހުރި ވެން ހާލް، ޔުނައިޓެޑާ ހަވާލުވި އިރު، މިދިޔަ ސީޒަނުގައި އެ ޓީމު ނިންމާލީ ޕްރިމިއާ ލީގުގެ ހަތް ވަނައިގައި އޮވެ އެވެ.

އުމުރުން 62 އަހަރުގެ ކޯޗު ވަނީ މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕުގައި ނެދަލެންޑްސް ގައުމީ ޓީމަށް މުބާރާތުގެ ތިންވަނަ ހޯދައިދީފައެވެ. ވެން ހާލްގެ އެންމެ ހައިރާންކުރަނިވި ކަމެއްގެ ގޮތުގައި މަޓާއަށް ފާހަގަވީ އެ ކޯޗު ގެންގުޅޭ ފުޓްބޯޅަ ކުޅުވުމުގެ ސްޓައިލެވެ.

"ފެށިގެން މިދިޔައީ އާ ގަރުނެއް. އާ ކޯޗަކާއި އިތުރު އާ ކުޅުންތެރިންތަކެއް ކްލަބާ ގުޅޭނެ،" 'އެމްޔޫޓިވީ'އަށް ދިން އިންޓަވިއުއެއްގައި މަޓާ ބުންޏެވެ. "ކޯޗު ގެންގުޅޭ ފުޓްބޯޅައިގެ ސްޓައިލާ މެދު އަހަރެމެން މިހިރީ ވަރަށް އުފާވެފައި. އޭނާއާ އެކު ކާމިޔާބު ލިބޭނެ ކަމަށް އުންމީދުކުރަން."

މިހާރު ޔުނައިޓެޑުން ދަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން މެޗުތަކެއް ކުޅުމަށެވެ. އެގޮތުން ސީޒަން ފެށުމުގެ ކުރިން އެލްއޭ ގެލެކްސީ އާއި، ރޯމާ އާއި، އިންޓަމިލާން އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ޔުނައިޓެޑުން މެޗުތަކެއް ކުޅޭނެ އެވެ.