ކޮލަމްބިއާގެ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް ހޯދުމަށް ރެއާލް މެޑްރިޑުން މޮނާކޯއާ ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޮނާކޯއިން މެޑްރިޑަށް ރޮޑްރިގޭޒް ދޫކޮށްލުމަށް އެއްބަސްވެފައި ވަނީ 88 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ. މި އަގާއެކު ރެއާލްއަށް ރޮޑްރިގޭޒް ބަދަލުވުމުން އޭނާ ވެގެންދާނީ ތިންވަނައަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ބާސެލޯނާއިން އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ހޯދާފައި ވަނީ ހަމަ އެ އަގަށެވެ.

ދެ ކްލަބުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ އިރު، އެންމެ ފަހުގެ ނިންމުން މިއަދު ނިމިގެންދާނެ އެވެ. އަދި މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ރެއާލްއިން ރޮޑްރިގޭޒް ސޮއިކުރިކަން އިއުލާނު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮޑްރިގޭޒް ވެގެންދާނީ އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް ގެންނަ ދެވަނަ ކުޅުންތެރިޔާއަށެވެ. ރެއާލްއަށް މިފަހަރު ފުރަތަމަ ސޮއިކުރި ކުޅުންތެރިޔަކީ ބަޔާން މިއުނިކަށް ކުޅުނު ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ މޮނާކޯއާ ގުޅުނީ މިދިޔަ ސީޒަނުގައެވެ. ޕޯޓޯއަށް މޮޅު ކުޅުމެއް ދެއްކި ރޮޑްރިގޭޒް، މޮނާކޯއަށް ގެންދިޔައީ 45 މިލިއަން ޔޫރޯގެ އަގަކަށެވެ. ރެއާލްއާ ގުޅުމަށްފަހު، ގެރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ރޮޑްރިގޭޒް ބައިވެރިވާނީ އެ ކްލަބުގެ ނުރައްކާތެރި އެޓޭކުގައެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހޯދި ކުޅުންތެރިއަކީ ރޮޑްރިގޭޒް އެވެ. ވޯލްޑް ކަޕުގައި ރޮޑްރިގޭޒް ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ.