21 Jul 2014, 16:21
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މއ. އައިޝާ، ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ދެ ކުދިންނަށް ދޫނުކުރުމަށް ޖުވެނައިލް ކޯޓުން ނިންމައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކީން ސިއްރުކޮށްފައި ވާތީ އެ ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ފަރާތްތަކަށް ދޫނުކުރުމަށް ނިންމަވައި، އެ ދެ ކުދިންގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަށް ލިޔުމުން ޖަވާބުދީފައި ވާ ކަމަށެވެ.
ގާޒީ އެގޮތަށް ނިންމެވީ ދައުލަތުން ސިއްރުކުރަން އެދިފައިވާ ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ދޫކުރަން ނުޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އެވެ.
އޮފިޝަލް ވިދާޅުވީ، އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމެވުމަށްފަހު ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތްތަކަށް ގާޒީ މިއަދު ފުރުސަތު ދެއްވި ކަމަށެވެ. ނަމަވެސް އިޖުރާއީ ނުކުތާއާ މެދު އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ތަފްސީލީ ގޮތެއްގައި އެހެން ދުވަހަކުން ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެ ދެ ކުދިންގެ ވަކީލު އެދިވަޑައިގަތް ކަމަށާއި އެ ފުރުސަތު ޝަރީއަތުން މިއަދު ދީފައިވާ ކަމަށެވެ.
އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ހުސައިން ވަހީދު މަރުވެފައި ވަނީ އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެރޭ 11:10 އެހައިކަށް ހާއިރު އެވެ.
ފުލުހުން ބުނެފައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރޫޕްތަކެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.
ހުސައިން ވަހީދުގެ މެޔަށް ވަޅިހެރި ކުއްޖާ އަކީ އިސްލާހީ ޕްރޮގްރާމްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކުއްޖެއް ކަމަށާއި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމާ އެކު، އިސްލާހުވެ މުޖުތަމުގައި އުޅުމަށް އެކުއްޖާއަށް ދިން ފުރުސަތު ނިމުމަކަށް ގެނެސް، ޖުވެނައިލް ކޯޓުގެ އަމުރަކާ ގުޅިގެން އެކުއްޖާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.